ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ކާރު ކިއު އަށާއި ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ކާރުތައް މަޑުކުރަންޖެހޭ ސަރަހައްދަށް ބަދަލުތަކެއް ގެނެސްފި އެވެ.
އެމްއޭސީއެލް އިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، މި ބަދަލުތައް އަމަލީ ސިފަ އަންނާނީ މާދަމާ އިން ފެށިގެންނެވެ.
މި ބަދަލާއެކު ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ އެންމެހާ ކާރުތައް މަޑުކުރަންޖެހޭނީ އިންޓަނޭޝަނަލް ޓާމިނަލަށް އަންނަ ކާރުތައް މަޑުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަށެވެ.
އަދި މިހާރު ހުޅުލޭގެ ދެކުނު ފަރާތުގައި ހުންނަ ކާރު ކިއު، ޑޮމެސްޓިކް ޓާމިނަލް ކައިރީގައި ހުންނަ ކުރީގެ ކާގޯ ޓާމިނަލްގެ ކުރިމައްޗަށް ބަދަލުކުރުމަށްވެސް ވަނީ ނިންމާފަ އެވެ. މި ސަރަހައްދުގެ ކިއު ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ވީއައިއޭގެ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް (އީއެސްއެސް) އިންނެވެ.
މީގެއިތުރުން، އެއާޕޯޓަށް ދަތުރުކުރާ އެމްޓީސީސީގެ ބަސްތަކަށް މަޑުކުރެވޭނީ ހަމައެކަނި ކޯޕަރޭޓް އޮފީސް ފަހަތުގައި ހުންނަ ބަސް ހުއްޓިއަށް ކަމަށްވެސް އެމްއޭސީއެލް އިން ވަނީ އަންގާފަ އެވެ.
މި ބަދަލުތަކަކީ އާ ޓާމިނަލްގެ މަސައްކަތްތައް ނިމި، ހިދުމަތްތައް ފެށުމާއެކު އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ގެނެވޭ ބަދަލުތަކެކެވެ.