މީހެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް ވެހިކަލް ދުއްވުމަކީ ކުށަކަަށް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލު ފޮނުވައިފި އެވެ.
ގާނޫނުއުގޫބާތުގެ 121 ވަނަ މާއްދާއަށް އެ އިސްލާހު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
މީކާއީލް ބިލު ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި ވަނީ، ބިރުވެރިކަން އުފެދޭ ގޮތަށް ނުވަތަ ނުރައްކާތެރިކޮށް އިންޖީނުލީ އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގައި ޝާމިލުވާ ފަރާތްތަކާ މެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެކަށީގެންވާ ފިޔަވަޅު އެޅެން ނެތުމުން ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، މަގުމަތީގެ ގަވާއިދުތަކާ ހިލާފަށް އަދި ފަރުވާލެއް ނެތް ގޮތަށް އުޅަނދުފަހަރު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގައި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ލިބޭނެ މަގު ފަހިކުރުމަށް ކަމަށެވެ.
ފަރުވާލެއް ނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެ ބިރުދެއްކުމުގެ އަމަލުތަކަކީ ކުށެއްގެ ގޮތުގައި މިހާރު ވެސް އޮންނަނީ ކަނޑައަޅާފަ އެވެ. އެ އަމަލުތަކަކީ
1- ގޮވާތަކެއްޗާއި ފަނާކުރަނިވި މާއްދާއާ ބެހޭ؛ ނުވަތަ
2- މެޝިނަރީ އާއި އިންޖީނާއި އަދިވެސް އިންޖީނުން މަސައްކަތްކުރާ އެހެނިހެން އެއްޗެއްސާ ބެހޭ؛ ނުވަތަ
3- އިމާރާތް ތެޅުމާއި ވެއްޓުމާ ބެހޭ؛ ނުވަތަ
4- ޖަނަވާރު ގެންގުޅުމާއި ބެލެހެއްޓުމާ ބެހޭ؛ ނުވަތަ
5- ގަސްގަހާގެހި ކެނޑުމާއި ވައްޓާލުމާ ބެހޭ؛ ނުވަތަ
6- ކަނޑުގައި ދުއްވާ އުޅަނދުފަހަރު އެހެލާ ބޭލުމާ ބެހޭ
އެ އަމަލުތަކުގެ އިތުރުން ހަތްވަނަ އަމަލަކަށް މީކާއީލް ހުށަހަޅުއްވާ އަމަލަކީ، "ބިރުވެރިކަން އުފެދޭ ފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމާ މެދު ފަރުވާލެއް ނެތް ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމާ ބެހޭ،" އަމަލެވެ.
މިފަދަ އިސްލާހެއް ހުށަހަޅާފައިވާއިރު މިދިޔަ އާދީއްތަ ދުވަހުގެރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ މަރުވެފަ އެވެ.