ލޯނު އެއްބަސްވުމެއްގައި މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް، މާކަސް ރަޝްފޯޑް ބާސެލޯނާ އަށް ބަދަލުވުމާ ގާތަށް ގޮސްފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރަޝްފޯޑްގެ ލޯނު އެއްބަސްވުމާ ގުޅޭގޮތުން ޔުނައިޓެޑާއި ބާސާއާ ދެމެދު މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. ލޯނުގެ މުއްދަތު ހަމަވުމުން އޭނާ ގަތުމުގެ ފުރުސަތު ބާސާއަށް ދިނުމަށް ޔުނައިޓެޑުން ވަނީ ނިންމާފަ އެވެ.
މި ޓްރާންސްފާ މާކެޓުގައި ބާސާގެ އެޓޭކް ވަރުގަދަކުރަން އެންމެ ފުރަތަމަ ގެންނަން މަސައްކަތް ކުރީ އެތްލެޓިކް ބިލްބާއޯގެ ޒުވާން ވިންގާ، ނިކޯ ވިލިއަމްސް އެވެ. ނަމަވެސް ފަހު ވަގުތު އޭނާ ވަނީ ބިލްބާއޯގެ ކޮންޓްރެކްޓް އާކޮށްފަ އެވެ. އޭގެފަހުން ލިވަޕޫލަށް ކުޅެމުން އަންނަ ލުއިސް ޑިއާޒް ގެންނަން ވެސް ބާސާއިން މަސައްކަތްކޮށްފައިވެ އެވެ.
ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމްއާ ޖެހުނު މައްސަލަތަކެއްގެ ސަބަބުން މިދިޔަ ސީޒަނުގައި ރަޝްފޯޑް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެފައިވަނީ އެސްޓަންވިލާ އަށެވެ.
ރަޝްފޯޑް ،27، އަކީ ޔުނައިޓެޑްގެ އެކެޑެމީން ވިދާލި ކުޅުންތެރިއެއް ކަމަށްވާއިރު، އޭނާ ޔުނައިޓެޑްގެ ސީނިއާ ޓީމަށް ކުޅެން ފެށީ އުމުރުން 18 އަހަރުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ޔުނައިޓެޑަށް 426 މެޗު ކުޅެދީ 138 ގޯލު ކާމިޔާބުކޮށްދީފަ އެވެ.
އަންނަ ސީޒަނަށް ސްކޮޑް ވަރުގަދަކުރަން ކުރަމުންދާ މަސައްކަތުގެ ދަށުން ޔުނައިޓެޑުން މިހާތަނަށް ވަނީ ދެ ކުޅުންތެރިއަކު ގެނެސްފަ އެވެ. އެއީ ވުލްވްސް އަށް ކުޅެމުން އައި މަތިއުސް ކުންޔާ އާއި ބްރެންޓްފޯޑަށް ކުޅެމުން އައި ބްރަޔަން އެމްބުއޭމޯ އެވެ.