ފަލަސްތީނުގެ ގާޒާގައި އިންސާނީ އެހީ ބެހުމުގެ ނަމުގައި ހިންގާ ސައިޓެއްގައި އިޒްރޭލުން ބަޑިން ހަމަލާދީ ފަލަސްތީނުގެ 30 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރަފަހް ސިޓީގައި ގާއިމުކޮށްފައިވާ ގާޒާގެ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ސައިޓުގައި އިޒްރޭލުން ބަޑިން ދިން ހަމަލާތަކުގައި 38 މީހަކު ވަނީ ޝަހީދުވެފަ އެވެ. އަދި 100 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
އެހީ ބެހުމުގެ ސައިޓްތަކުގައި އިޒްރޭލު ސިފައިން ބަޑިން ދިން ހަމަލާތަކުގައި ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި 800 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.
ގާޒާގައި އެހީގެ ސާމާނު ބެހުމުގެ ކަންކަން ކުރިއަށް ގެންދަނީ އެމެރިކާ އާއި އިޒްރޭލަށް ވާގިވެރިވާ ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން ނަމަކަށް ކިޔާ ޖަމާއަތެއް މެދުވެރިކޮށެވެ. މި ގްރޫޕް އުފައްދާފައިވަ މަގުސަދާއި މެދު އ.ދ އާއި އެހެނިހެން އެހީގެ ގްރޫޕްތަކުން ސުވާލުތައް އުފައްދައި، އެ ގްރޫޕަށް އެއްބާރުލުން ދޭން ވަނީ ދެކޮޅު ހަދައިފަ އެވެ.
އެގޮތުން އ.ދ އިން ވަނީ އެހީ ބެހުމުގެ މަރުކަޒުތަކަކީ ގާޒާގެ ރައްޔިތުންނަށް އޮތް "މަރުގެ މަޅިތަކެއް" ފަދައިން ސިފަކޮށްފަ އެވެ.
އިޒްރޭލުން މީގެކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވަނީ ގާޒާގައި އެހީގެ ސާމާނު ބަހާ ތަންތަނަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ދީފަ އެވެ.