ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގައި ހިމެނޭ 4،000 ފްލެޓް ލިބޭ މީހުންނާ އެކު އެއްބަސްވުމުގައި މާދަމާ ސޮއިކުރަން ފެށުމަށް ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ފުލެޓު ލިސްޓާ އެއްގޮތަށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ އެވެ.
އެފްޑީސީން ނެރުނު ބަޔާނެއްގައި ބުނީ މާދަމާ އިންފެށިގެން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ސޮއިކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ދެމެދުގެ ވަގުތުތަކުގައި، ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައި ކަމަށެވެ. އެ ސަރަހައްދުތައް ކަނޑައެޅުމަށްފަހު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރު ކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށާއި ޔުނިޓު ލިބޭ ފަރާތްތަކަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާން ޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ "ފަހި ޕޯޓަލް" މެދުވެރިކޮށް ޝެޑިއުލްކޮށް، އެ ފަރާތްތަކަށް އެންގޭނެ ކަމަށް އެފްޑީސީން ބުންޏެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާ އިރު، ގެންދަންޖެހޭ ލިޔެކިޔުންތައް:
– ކުއްޔަށް ހިފާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް
– ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް
– ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި ކޮޕީއެއް
– ޒިންމާ އަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު
– އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައް
އެފްޑީސީން ފުލެޓުތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހު އެވެ. އެގޮތުން، ފުލެޓުތައް ހަވާލުކުރާ އިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް ޖަހައި، ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެ އެފްޑީސީން ބުނެ އެވެ.