ޚަބަރާއި މަޢުލޫމާތު ފެތުރުމުގައާއި އެކިއެކި މަންސަތަކުގައި އެކިއެކި ފަރާތްތަކުން ފަތުރާ ޚަބަރާއި މަޢުލޫމާތުގެ ތެދާއި ދޮގު އަދި ސައްހަކަން ދެނެގަންނަން އަމާޒުކޮށް ހިންގާ 'އަހަންނަނީ ނޫސްވެރިއެއް' ޕްރޮގްރާމު ރ. އަތޮޅުގައި ބާއްވައިފި އެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މާއުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި ސިލްސިލާގައި ރ. އަތޮޅު ޕްރޮގްރާމު މިފަހަރު އަމާޒު ކުރީ ނ. ރ އަދި ބ އަތޮޅަށެވެ.
ޖުމްލަ 32 ބައިވެރިންނާއެކު ދުވާފަރުގައި މި ޕްރޮގްރާމު ކުރިއަށް ގެންދިޔަ އިރު ނ އަތޮޅުގެ ހޮޅުދޫގެ އިތުރުން ރ އަތޮޅުގެ 13 ރަށަކުން ބައިވެރިވި އެވެ.
ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ސިލްސިލާ ގޮތެއްގައި ހިންގާ މި ޕްރޮގްރާމަކީ, އެ ޕްރޮގްރާމެއް އަމާޒު ކުރާ އަތޮޅުތަކަށް ނިސްބަތްވާ އޮންލައިން އަދި ބްރޯޑްކާސްޓް މީޑިއާ އަދި ނޫސްވެރިންގެ އިތުރުން އިޖުތިމާޢީ މަސައްކަތް ކުރާ އެންޖީއޯތަކާއި އެ އަތޮޅުތަކުގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި ކައުންސިލް އިދާރާތަކަށް ބޭނުންތެރި ދާއިރާތަކުން ޢިލްމީ ފެންވަރުގައި މަޢުލޫމާތު ފޯރުކޮށްދެވޭ ޕްރޮގްރާމެކެވެ.
އެގޮތުން, އެކިއެކި މަންސަތަކުގައި ފެތުރެމުންދާ އަދި ގަސްދުގައި ފަތުރާ ޚަބަރާއި މަޢުލޫމާތުގެ ސައްހަކަން ދެނެގަންނާނެ ގޮތްތަކާއި އެ މަޢުލޫމާތަކާ ގުޅިގެން އެ ބަޔަކު ނިސްބަތްވާ މުޖުތަމަޢުގައި ބައިވެރިންނަށް އަމަލު ކުރެވިދާނެ އަދި އަދާކުރެވިދާނެ ދައުރު ބުނެދިނުން ހިމެނެ އެވެ. އަދި ނޫސްވެރިކަމުގެ ޢާންމު ހަމަތަކާއި, ތަހުޤީޤީ ނަޒަރިއްޔާއަކުން ކަންކަން ދެނެގަންނާނެ ގޮތްތަކާއި ބަވަނަވަމުން ދާ މި ދުނިޔޭގައި އުފަންވެ އަދި އުފަންވަމުން އަންނަ އާ ޓެކްނޮލޮޖީގެ އަލީގައި 'ފޭކާއި ރިއަލް' ދެނެގަތުމަށް ދަސްކޮށް ދިނުން ހިމެނެ އެވެ.
މީގެ އިތުރުން, ލިޔުމާއި ކިޔުމުގައި އަދި ބަސްމޮށެ އުޅުމުގައި ދިވެހި ބަސް ބޭނުން ކުރަން ޖެހޭ ހަމަތައް ދަސްކޮށް ދީ އަހުލުވެރި ކުރުވުމަކީ ވެސް މި ޕްރޮގްރާމު ގައި ކުރިއަށް ގެންދެވޭ ސެޝަންތަކެކެވެ.
އަދި ހަވާސާ ވެފައި ތިބޭ ފަރާތްތައް ހަވާސާ އަށް ގެންނާނޭ ގޮތްތަކާއި އެ ފަރާތްތައް ބާރުވެރި ކުރުވާނެ ގޮތްތައް ބުނެ ދިނުމުގެ އިތުރުން ރާއްޖޭގެ މުއުތަމަޢުގައި އޮންނަ ފިކުރީ ޚިޔާލުތަފާތުވުންތަކުގެ މައްޗަށް ވެސް ސެޝަންތައް ނަގައި ދެވިފައި ވެ އެވެ.
ރާއްޖޭގެ ދެކުނުން ފުވައްމުލަކާއި އައްޑުއަތޮޅު ހިމެނޭހެން ޕްރޮގްރާމަކާއި މެދުރާއްޖެތެރެއަށް އަމާޒު ކޮށްގެން ކ. ތުލުސްދޫގައި ޕްރޮގްރާމެއް ބޭއްވިފައިވާ އިރު, މިހާތަނަށް ޖުމްލަ 90 ފަރާތަކަށް ވަނީ ތަމްރީނު ދެވިފަ އެވެ.