Last Updated: July 21, 10:24
Monday, July 21, 2025
ރިޕޯޓް

ޝައިތޯނާ އާއި ހިމާރު!

ދަނޑުވެރިޔަކު، އޭނަގެ ހިމާރު، ގަހެއްގައި އައްސާފައި ބޭއްވި އެވެ. ޝައިތާނާއަށް މިތަން ފެނުނެވެ. އަދި، ޖެއްސުމެއްކޮށްލާ ހިތުން، ޝައިތާނާ އައިސް، ހިމާރު އައްސާފައި އޮތް ވާފަށް މޮހާލައި ހިމާރު ދޫކޮށްލި އެވެ. ދެން ޖެހިގެން އޮތް ދަނޑަށް ހިމާރު ވަނެވެ. އަދި އެ ދަނޑުގެ ވިނަ އާއި ގޮވާން ކާން ފެށި އެވެ. އެ ދަނޑުގެ ވެރިމީހާގެ އަނބިމީހާ އަށް މިތަން ފެނިގެން، ބަޑިއެއް ހިފައިގެން އައިސް، ހިމާރު ގަޔަށް ބަޑިޖައި ހިމާރު މަރާލިއެވެ.

ހިމާރުގެ ވެރިޔާ ގެއަށް އައުމުން، ހިމާރު މަރުވެފައި އޮތް ތަން ފެނުނެވެ. ދެން، އޭނަ އަށް އެނގުނީ ހިމާރު މަރާލީ އަވަށްޓެރި ދަނޑުގެ ވެރިޔާގެ އަނބިމީހާކަމެވެ. އަދި، ރުޅިއައިސްގެ ހިމާރުގެ ވެރިޔާ ވެސް ބަޑިއެއް ހިފައިގެން ގޮސް އެ އަންހެން މީހާ މަރާލި އެވެ.

އެ އަންހެން މީހާގެ ފިރިމީހާ ގެއަށް އައުމުން އޭނަގެ އަނބިކަލޭގެ މަރާލާފައި އޮއްވައި ފެނުނެވެ. އެކަމުގެ ހަގީގަތް ހޯދުމުން، އޭނައަށް އެނގުނީ އޭނަގެ އަނބިމީހާގެ ގާތިލަކީ އަވައްޓެރި ފިރިހެން މީހާކަމެވެ. ދެން، ރުޅިއައިސްގެން، ބަޑިއެއް ހިފައިގެން ގޮސް، އޭނަގެ އަނބިމީހާގެ ގާތިލު ގަޔަށް ބަޑިޖަހައި އޭނަ ވެސް މަރާލި އެވެ.

އެ ވަތުގު ޝައިތާނާއާ ދިމާއަށް ބުނެވުނެވެ؛ "އޭ މިހިރަ މަލްއޫނު ޝައިތާނާ އެވެ! ކަލޭ ކުރި ނުބައި ނުލަފާކަންތަކުގެ ނަތީޖާ ފެނޭ ނޫން ހެއްޔެވެ."

ދެން، ޝައިތާނާ ބުންޏެވެ: އަހަރެން މާ ބޮޑު ކަމެއް ނުކުރަމެވެ. ހިމާރެއް މޮހެލާފައި ދޫކޮށްލީއެވެ!

އާދެ، މުޖުތަމައެއް ރޫޅައި ހަލާކުކޮށްލަން ބޭނުން ވެއްޖެ ނަމަ، އެ މުޖުތަމައުގެ ހިމާރުންނަށް ބާރުދީފައި ހަޅޭލަވަން މުޖުތަމައުތެރެއަށް ނެރޭށެވެ! ޝައިތާނާ ކުރިކަމަކީ އެއީ އެވެ!

ނޯޓް: މިއީ އިބްރަތްތެރި ކުރު ވާހަކައެއްގެ ގޮތުގައި އަބްދުލް ގަފޫރު އަބްދުލް ރަހީމް ގެނެސްދިން ލިޔުމެކެވެ.