Last Updated: July 22, 11:03
Tuesday, July 22, 2025
މީހުން

ތަލައިގެ ބޭނުން ހިފަނީ އިޝްތިހާރުކޮށް ދޭން!

އިޝްތިހާރެއްކޮށް މިހާރު ކޮށްލުމަކީ ވަރަށް ވެސް ފަސޭހަ ކަމެކެވެ. ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއްގައިކޮށްލާ ޕޯސްޓަކުން މިހާރު އެތައް ބައެއްގެ ސަމާލުކަން ހޯދިދާނެ އެވެ. އެހެންވެ ވިޔަފާރިއެއް ނުވަތަ އުފެއްދުމެއް ވިޔަސް މާކެޓްކޮށްލަން މިއީ މިހާރު އެންމެ ފަސޭހަ މަގެވެ.

ނަމަވެސް މި ފަހަރު ދައްކަން މިއޮތީ މާ ތަފާތު ގޮތަކަށް އިޝްތިހާރުކޮށްދޭ މީހެއްގެ ވާހަކަ އެވެ. މިއީ އިންޑިއާގެ ކެރެލާ އަށް ނިސްބަތްވާ ޓްރެވެލް ވްލޮގާއެއް ކަމަށްވާ ޝަފީގު ހާޝިމް، 36، ގެ ވާހަކަ އެވެ. އިޝްތިހާރުކޮށް ދޭން އޭނަ ބޭނުން ކުރަނީ ތަލަ ބޮލެވެ. އެހެން ގޮތަކަށް ބުނާ ނަމަ ތަލަ އަކީ އޭނަގެ 'ބިލްބޯޑް' އެވެ.

އިޝްތިހާރުކޮށްލަން ބޭނުން ވިޔަފާރިއެއް ނުވަތަ ވިއްކަން ބޭނުންވާ އުފެއްދުމެއް ނުވަތަ ދޭ ހިދުމަތެއްގެ ޝަފީގު ލައްވައި އިޝްތިހާރު ކުރުވާ ނަމަ، އެ އިޝްތިހާރެއް އާންމު ކުރާނީ އޭނަގެ ބޮލުގަ އެވެ. ނުވަތަ ތަލައިގަ އެވެ. އެގޮތުން އިޝްތިހާރެއް ކުރަން ބޭނުންވާ މުއްދަތަކަށް އޭނަގެ ތަލައިގައި އެ ވިޔަފާރިއެއް/އުފެއްދުމެއްގެ ވަގުތީ ޓެޓޫއެއް ޖަހާނެ އެވެ. ދެން ޝަފީގު ދާ ކޮންމެ ތަނަކުން ވެސް އެކަމެއް އިޝްތިހާރުވާނެ އެވެ. އަދި އޭނަގެ ޔޫޓިއުބް ޗެނަލާއި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކުގައި އޭގެ ވިޑިއޯ ވެސް އާންމު ކުރާނެ އެވެ.

ޝަފީގުގެ ޔޫޓިއުބް ޗެނަލަކީ '70 އެމްއެމް ވްލޮގްސް' އެވެ. އޭގެ ސަބްސްކްރައިބަރުންގެ އަދަދު މިހާރު 27،000 އަށް އަރަ އެވެ.

ތަލަ ބޭނުންކޮށްގެން އިޝްތިހާރުކޮށް ދިނުމުގެ ހިޔާލު އައި ގޮތާ ބެހޭ ގޮތުން ނިއު އިންޑިއަން އެކްސްްރެސް އަށް ދިން އިންޓަވިއުއެއްގައި ޝަފީގް ބުނީ އޭނަގެ ވަރަށް ޒުވާން އުމުރުގައި ތަލަވާން ފެށި ކަމަށެވެ. އެހެންވެ ހެއާ ޓްރާންސްޕްލާންޓް ހެދުމުގެ ވިސްނުން ގެންގުޅެނިކޮށް، އެ ހިޔާލު އެއްކޮށް ދޫކޮށްލީ ތަލައިގެ ބޭނުން މާ ރަނގަޅަށް ހިފިދާނެ ކަމަށް ގަބޫލު ކުރެވިގެން ކަމަށް ބުންޏެވެ.

"އެހެންވެ ބޭނުންވީ ތަލަބޮލާ އެކު ކުރިއަށް ގޮސް މީގެ ބޭނުން ހިފައިގެން އާމްދަނީއެއް ވެސް ހޯދޭނެ ކަމެއް ކުރަން." ޝަފީގު ބުންޏެވެ.

އޭނަ ބުނި ގޮތުގައި އެ ހިޔާލު އައުމާ އެކު، ތަލައިގައި ޓެޓޫއެއް ޖަހައިގެން އޭގެ ވީޑިއޯއެއް އާންމުކުރުމާ އެކު، އެކި ކަހަލަ ވިޔަފާރިތަކުން ކޮންޓެކްޓް ކުރަން ފެށި އެވެ. އެއީ ޝަފީގުގެ ތަލަ މެދުވެރިކޮށް އިޝްތިހާރު ކުރުމުގެ ޝައުގުވެރިކަމާ އެކީގަ އެވެ. އެގޮތުން އޭނަ އަށް ލިބުނު ފުރަތަމަ ކޮންޓްރެކްޓްގެ ދަށުން ތަޅައިގައި ތިން މަހަށް އިޝްތިހާރުކޮށް ދީގެންް 50،000 ރުޕީސް ލިބިފައިވެ އެވެ.

"މިއީ މިހާރު އަހަރެން އާމްދަނީ ހޯދަން ކުރާ މައިގަނޑު މަސައްކަތަށް ވެސް ވެއްޖެ." ޝަފީގު ބުންޏެވެ.

އޭނަ ބުނީ މިކަމަށް މިހާރު އިންޑިއާގެ އެކި ހިސާބުތަކުން އެކި ކަހަލަ ވިޔަފާރިތަކުން ސަމާލުކަން ލިބެމުން އަންނަ ކަމަށެވެ. އަދި އެންމެ އުފާވާ ކަމަކީ މުޅިން ތަފާތު ގޮތަކަށް އިޝްތިހާރުކޮށްދޭ އިންޑިއާގެ ފުރަތަމަ މީހާ އަށް ވުން ކަމަށް ބުންޏެވެ.

"ހިއެއް ނުވޭ މުޅި ދުނިޔޭގައި ވެސް އަހަރެން ނޫނީ ތަލައިން އިޝްތިހާދުކޮށްދޭ މީހަކު ހުންނާނެހެނެއް." ހާޝިމް ބުންޏެވެ.

އޭނަ ބުނީ ފިރިހެނުން ތަލަވުމަކީ ލަދު ގަންނަން ޖެހޭ އަދި ކަންބޮޑުވާން ވެސް ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ގުދުރަތީ ގޮތުން ވާ ކަމަކަށްވާތީ އެކަމާ ކުރިމަތިލުން މާ ރަނގަޅު ކަމަށް ބުންޏެވެ. ނަމަވެސް އޭނަ ވަރަށް ޒުވާން އުމުރުގައި ތަލަވާން ފެށުމުން ގާތް ރައްޓެހިން މަލާމާތްކޮށް ދިމާކުރަމުން ދިޔަ ކަމަށް ބުންޏެވެ.

"އެ މާޔޫސްކަމާ ހެދި އަސްލު ހެއާ ޓްރާންސްޕްލާންޓް ހަދަން ބޭނުންވީ. އެކަމަކު ފަހުން ވިސްނިއްޖެ މިކަމާ މުޅިން ތަފާތު ގޮތަކަށް ކުރިމަތިލާނީއޭ،" ޝަފީގު ބުންޏެވެ. "އޭގެ ނަތީޖާ މި ފެނުނީ. އަސްލު މިއީ އަހަރެން މަޝްހޫރުވާން ކުރާ ކަމެއް ނޫން. ތަލަވުން ފަދަ ކަންކަމާ ގުޅޭ ގޮތުން އާންމުންގެ ތެރޭގައި އޮންނަ ވިސްނުން ބަދަލު ކުރުން މީގެ އަސްލު މޮޓޯ އަކީ."