ވައިގެ މަގުން ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްހަރުކޮށްފި އެވެ.
ފުލުހުންގެ ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށީ، ލީޑް، މުޙައްމަދު ހުމާމް ޙަސަން ނަޢީމް، 29، އާއި މާލެ/މ. އަރޫދާގެ، އަބްދުﷲ އިބްރާހިމް، 53، އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ވެސް ހުކުރު ދުވަހު ހައްޔަރުކުރީ ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދުން ކަމަށެވެ. އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ. އަދި އެ އެއްޗެހީގައި ހުރި ތަކެތީގެ ބަރުދަނަކީ 52.2 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުމާމް 10 ދުވަހަށް އަދި ޢަބްދުﷲގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.