Last Updated: July 22, 11:03
Tuesday, July 22, 2025
ޚަބަރު

ފަސްޓްލޭޑީ އެދުނު ގޮތަށް މައާފަށް އެދެން އަމުރެއް ނުނެރުނު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮށީ ދަރިކަލުން، އުމައިރު މުހައްމަދު މުއިއްޒުގެ ވާހަކަ އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ކަމަށް ބުނާ މައްސަލައިގައި އެ ޕާޓީ އާއި އެ ޕާޓީގެ ޗެއާޕާސަންގެ މައްޗަށް އާންމުކޮށް މައާފަށް އެދުމަށް އަމުރުކޮށް ނުދެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގައި ސާޖިދާ ދައުވާ ކުރީ އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އަށެވެ.

އެ މައްސަލައިގައި ސާޖިދާގެ ފަރާތުން ތިން ކަމަކަށް އެދިވަޑައިގެންފައިވެ އެވެ.

އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން އަދި ބައިނަލްއަގުވާމީ މުއާހަދާތަކުން އުމައިރު މުހައްމަދު މުއިއްޒުއަށް ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައި ދިނުމަށާއި ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމުގެ އިތުރަށް ވާހަތަކުގެ ޒިންމާ އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒް ނަންގަވަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި އޭގެ ސަބަބުން ނުކުމެފައިވާ ނަތީޖާއަށް އާންމުކޮށް ފައްޔާޒް މައާފަށް އެދިވަޑައިގަތުމަށް އަމުރުކޮށް ދިނުމަށެވެ.

ނަމަވެސް ސިވިލް ކޯޓުން ޣައިރު ހާޒިރުގައި ކުރި ހުކުމުގައި ބުނެފައި ވަނީ އެ ވާހަކަތަކުގެ ޒިންމާ އެމްޑީޕީ އާއި ފައްޔާޒަށް މަތިކުރެވޭނެ ހަމައެއް ނެތް ކަމަށާއި އާންމުކޮށް މައާފަށް އެދެން އަމަރުކޮށްދެވެން ނެތް ކަމަށެވެ.

އެކަމަކު އެ ވާހަކަތަކުގެ ސަބަބުން އުމެއިރުގެ އަބުރު ރައްކާތެރިވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ސާޖިދާ އަށް ލިބިގެންވާ ކަމަށް ކަނޑައަޅާފައިވެ އެވެ.