އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރެއްގައި އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މޯދީ ރާއްޖެ ވަޑައިގަންނަވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާއާ ދިމާކޮށެވެ. ރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައި 26 އެވެ.
ރައީސް އޮފީހުން ބުނީ މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރަކީ ދެ ދުވަހުގެ ދަތުރެއް ކަމަށެވެ.
މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި މޯދީ، ދެ ގައުމާ ގުޅޭ އަދި ސަރަހައްދީ އެކި މައްސަލަތުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތައް އިފްތިތާހުކުރުމާއި އިތުރު ކަންކަމާ ގުޅޭ އެެއްބަސްވުންތަކެއްގައި ސޮއިކުރެއްވުން ވެސް އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މޯދީ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަން ރައީސް އޮފީހުން މިއަދު ހާމަކުރި އިރު، އިންޑިއާގެ މީޑިއާތަކުން މިދިޔަ މަހުގެ ތެރޭގައި ވަނި މޯދީ ޖުލައި 26 ދިމާކޮށް ރާއްޖެ ވަޑައިގަންނަވާނެ ވާހަކަ ރިޕޯޓްކޮށްފައިވެ އެވެ،