Last Updated: July 22, 11:03
Tuesday, July 22, 2025
މުނިފޫހިފިލުވުން

'ޑޮން' ގެ ޑައިރެކްޓަރު މަރުވެއްޖެ

ހިންދީ ސިނަމާގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ އަދި އަމީތާބް ބައްޗަންގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޑޮން" ގެ ޑައިރެކްޓަރު ޗަންދުރަ ބެރޮޓް މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ 86 އަހަރުގެ ޑައިރެކްޓަރު މިއަދު މަރުވީ ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯދާތާ ހަތް އަހަރެއްހާ ދުވަސްވެފައި ވަނިކޮށް، ސިއްހީ ހާލު ދެރަވަގެން ގުރޫ ނަނަކް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

ޗަންދުރަގެ މަރާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

އޭނަ 1978 ގައު ގެނެސްދިން "ޑޮން" އަކީ އަމީތާބާއި ޒީނަތު އަމަންގެ އިތުރުން ޕްރާން މައިގަނޑު ރޯލުތައް ކުޅުނު އެކްޝަން ތުރިލާއެވެ. މި ފިލްމުގެ ރިމޭކެއް 2006 ގައި ޝާހްރުކް ޚާނާއި ޕްރިޔަންކާ ޗޯޕްޅާ ހިމަނައިގެން ޑައިރެކްޓަރު ފަރުހާން އަޚްތަރު ގެނެސްދީފައިވެ އެވެ. އަދި ހަމަ އެ ދެ ތަރިންނާ އެކު އޭގެ ސީކްއެލްއެއް އޭނަ 2011 ގައި އޭނަ ގެނެސްދިނެވެ.

ފަރުހާން މިހާރު އަންނަނީ މުޅިން ތަފާތު ކާސްޓަކާ އެކު "ޑޮން 3" ހަދަން ތައްޔާރުވަމުންނެވެ. އޭގައި ޓައިޓްލް ރޯލު ކުޅޭނީ ރަންވީރު ސިންގް އެވެ.