Last Updated: July 22, 11:03
Tuesday, July 22, 2025
ޚަބަރު

މުވައްޒަފުންގެ މުސާރަ އަށް ބަދަލު ގެންނަ ވާހަކަ ދޮގުކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ދެމުން އަންނަ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ފަތުރަމުން އަންނަ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.

އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި ކުންފުނީގެ މުވައްޒަފުން ރެޔާއި ދުވާލު ކުރަމުން އަންނަ ބުރަ މަސައްކަތަށް ހުރަސްއެޅުމަށާއި ކުންފުންޏާމެދު މުވައްޒަފުންގެ އިތުބާރު ގެއްލުވާލުމަށްޓަކައި ގަސްތުގައި ފަތުރަމުން އަންނަ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

އަދި މިފަދަ އެއްވެސް ކަމެއް ކުރުމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް އިރެއްގައި ކުންފުނިން ކޮށްފައި ނުވާ ކަމާއި އެފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް ކުންފުނިން ނުގެންގުޅޭ ކަމަށް ބުނެފައިވެ އެވެ.

"މި ކުންފުނިން އަރުވަން ބޭނުންވާ ޔަގީންކަމަކީ ކުރިއަށް އޮތްތަނުގައި ވެސް މި ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދެމުންއައި އުސޫލާއި ހަމަތަކުގެ މަތިން، އެއްވެސް ބަދަލެއް ނެތި، މި ކުންފުނިން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމުން ގެންދާނެ ކަމެވެ. މި ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުންކަމުގައިވާހިނދު، މި ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ ކުންފުނީގެ މުއައްޒަފުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށްވެސް މި ފުރުސަތުގައި ޔަގީންކޮށް އަރުވަމެވެ," ބަޔާނުގައިވެ އެވެ.

އެމްއޭސީއެލް އިން ވަނީ މިފަދަ ވާހަކަތައް ފަތުރާ ފަރާތްތަކުން އެފަދަ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ކަމާއެކު، ކަމުގެ އަސްލާ އެއްގޮތަށް ވާހަކަތައް ބައްޓަން ކުރުން ކަމަށް އިލްތިމާސްކޮށްފަ އެވެ. އަދި ކުންފުނިން ގަބޫލުކުރާ ގޮތުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަން ވާނީ ކަންކަމުގެ ހަގީގަތް ނުގެއްލޭ ގޮތަށް، ކަމުގެ ތެދު މައުލޫމާތާ އެކުގައި ކަަމަށް ވެސް ބުންޏެވެ.