Last Updated: July 22, 11:03
Tuesday, July 22, 2025
ޚަބަރު

ފެން ކުންފުނީގެ މޮބައިލް އެޕަށް އާ ހިދުމަތްތަކެއް

އާ ހިދުމަތްތަކާއި އެކު އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕް އަލުން ލޯންޗުކޮށްފި އެވެ.

އެމްޑަބްލިޔުއެސްސީއިން އެ ބަދަލުތައް ގެނެސްފައިވަނީ އެމްޑަބްލިޔުއެސްސީގެ އެޕް ކުރިއަށް ވުރެ ސާދާކުރުމާއެކު ހިދުމަތްތައް ލިބިގަތުން ފަސޭހަ ކޮށްދިނުމާއި އަވަސް ކޮށްދިނުމަށް އަމާޒުކޮށްގެން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަނަށް އިތުރު ބަދަލުތަކެއް ގެނެސްފައި ހިދުމަތްތައް ހޯދުމަށް ކައުންޓަރަށް އައުމުގެ ބަދަލުގައި، މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް އެދި ހުށައެޅުމާއި ބިލްތަކަށް ފައިސާ ދެއްކުމާއި އަދި އެހެނިހެން ހިދުމަތްތައް ލިބިގަނެވޭނެ ގޮތަށް މަގު ފަހިކޮށްދިނުމަށް ކަމަށެވެ.

އެމްޑަބްލިޔުއެސްސީގެ އެޕްގައި ހިމެނިފައިވާ ހިދުމަތްތައް:

– އީފާސް މެދުވެރިކޮށް ފަސޭހަކަމާއެކު މޯބައިލް އެޕްލިކޭޝަންއަށް ލޮގިން ކުރެވުން.
– އީފާސް އިން ލޮގިން ކުރުމާއެކު އެފަރާތެއްގެ ނަމުގައިވާ ހުރިހާ މީޓަރެއް ފެންނަން ހުރުން.
– ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދި ހުށައެޅުން.
– ކަސްޓަމަރުން އެދިފައިވާ ހިދުމަތްތަކުގެ ތަފްސީލާއި، އެ ހިދުމަތުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ އަދާހަމަ ވަގުތުން ބެލޭނެގޮތް ވުމާއި އެ ހިދުމަތްތަކަށް އެޕް މެދުވެރިކޮށް ފައިސާ ދެއްކުން.
– މަލްޓިޕޭ މެދުވެރިކޮށް އެކި އެކައުންޓުތަކުގެ ބިލްތަކަށް އެއްފަހަރާ ފައިސާ ދެއްކުން.
– މީޓަރުގެ ރީޑީން އާއި ފޮޓޯއެއް އަޕްލޯޑް ކޮށްލައިގެން މަހުގެ ކޮންމެ ހިސާބެއްގައިވެސް ބިލް ހެދުމަށް ރިކުއެސްޓް ކުރެވުން.
– ސްމާޓް މީޓަރު މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުން ފެން ބޭނުންކުރަމުންދާ މިންވަރާއި ބިލަށް އަރާ ފައިސާގެ މިންވަރު ދުވަހުން ދުވަހަށް ބަލާލެވުން.
– ސްމާޓް މީޓަރުތަކުން އެ ވަގުތަކު ބިލަށް އަރާފައިވާ މިންވަރު ދެނެގަނެވުން
– ސްމާޓް މީޓަރުތަކުން އެ މަހެއްގެ އަންދާޒީ ބިލްގެ މިންވަރު ދެނެގަތުން.
– އެއް އަހަރު ދުވަހުގެ އެކައުންޓް ސްޓޭޓްމަންޓް ބަލާލެވުން

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިޔުއެސްސީ ގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވީ، އައު ޚިދުމަތްތަކާއެކު ކުންފުނީގެ އެޕް އަލުން އާންމު ކުރުމަކީ ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ކަސްޓަމަރުން ކުންފުނީގެ ޚިދުމަތްތައް ހޯދުމުގައި ވީހާވެސް ލުއިފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެމްޑަބްލިޔުއެސްސީ މޯބައިލް އެޕްލިކޭޝަން އެޕްލް އެޕްސްޓޯ އަދި ގޫގުލް ޕްލޭ ސްޓޯ މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އެވެ. އަދި އެޕްލިކޭޝަން އާއި ގުޅުންހުރި އިތުރު މައުލޫމާތާއި އެހީތެރިކަން އެ ކުންފުނީގެ ކަސްޓަމާ ސާވިސް ހޮޓްލައިން 105އިން އަދި ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ވަނީ ބުނެފަ އެވެ.