އިންސާނާ އަށް ލިބި ހުރި ޢިލްމަށް ޢަމަލުކުރީ ކޮން ގޮތަކަށްތޯ ސުވާލުވެވޭނެ އެވެ. މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލު ވެވޭނެ އެވެ. ވަގުތު ހޭދަކޮށްލި ގޮތާއި މެދު ދެ ފަހަރަށް ސުވާލުވެވެ އެވެ. އެއީ ޢާންމުކޮށްނާއި ޚާއްސަކޮށްނެވެ. ޢާންމުކޮށް ސުވާލު ވެވެނީ އޭނާގެ މުޅި ޢުމުރާއި މެދުގަ އެވެ. ޚާއްސަކޮށް ސުވާލުވެނީ ޒުވާންކަމާ މެދުގަ އެވެ.
މުދަލެކޭ އެއްގޮތަށް ވަގުތަކީ ވެސް އަހަރެމެންނަށް ލިބިފައި ގެއްލިދާ ވަރަށް އަގުހުރި އެއްޗެކެވެ. ނަމަވެސް މުދާ ގެއްލި ދިއުމުން ހިތާމަކުރާ ގޮތަށް ވަގުތު ގެއްލުމުން ހިތާމަ ނުކުރެވެނީ ވަގުތުގެ މުހިންމުކަން ނޭނގޭތީ އެވެ.
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މާތްރަސްކަލާނގެ ކީރިތި ޤުރްއާނުގައި ކަމެއް ނުވަތަ އެއްޗެއް، ނުވަތަ ތަނެއް ގަންދެއްވާފައި ބަސްފުޅެއް ވަޙީކުރައްވައިފި ނަމަ ދޭހަކޮށްދެނީ އެ ގަންދެއްވުމަކުން އިޝާރަތް ކުރެވުނު ފަރާތުގެ މުހިންމުކަމާއި މަތިވެރިކަމެވެ. ބޭނުންތެރިކަމުގެ ބޮޑުކަމެވެ. ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ ކިތަންމެ އާޔަތެއްގައި ވަގުތުގެ އެކި ދަންފަޅިތައް ގަންދެއްވާ ހުވާ ވަޙީކުރައްވާފައިވެ އެވެ.
ފާއިތުވަމުންދާ ދުވަސްތަކާއި މެދުގައި އަހަރެމެން މިދަނީ އުފާކުރަމުންނެވެ. ނަމަވެސް ފާއިތުވެއްޖެ ކޮންމެ ދުވަހަކީ އަހަރެމެންގެ ޢުމުރުން މަދުވެގެންދާ ބައެކެވެ.
އިންސާނާ އޭނާގެ ވަގުތުތައް އަބަދުވެސް ހޭދަކުރަނީ ހަތަރު ކަމަކުން ކުރެ އެއްކަމެއްގެ ތެރޭގައެވެ. އެއީ އެހެންނާ ނިޢުމަތެއް ހާސިލުކުރުމުގައި ނުވަތަ ބަލާވެރިކަމެއް ތަހައްމަލުކުރުމުގައެވެ. އެހެންނާ ފާފައެއް ކުރުމުގައި ނުވަތަ ހެޔޮކަމެއް ކުރުމުގައެވެ. އިންސާނާއަށް ވާޖިބުވެގެންވަނީ ނިޢުމަތުގެ ހާލަތުގައި ޝުކުރުވެރިވުމެވެ. ބަލާވެރިކަމުގެ ހާލަތުގައި ކެތްތެރިވުމެވެ. ފާފަވެރިވާ ހާލަތުގައި ތައުބާވުމެވެ. ހެޔޮކަމެއް ކުރާ ހާލަތުގައި އެކަމަށް ތައުފީޤު ދެއްވި ކަންމައްޗަށް ހެކިވެރިވެގެން ހުރުމެވެ.
“ހަޔާތުގެ ކޮންމެ ދުވަހެއް ވެސް އިންސާނާއާ މުޚާތަބުކޮށް ބުނެއެވެ. އޭ އާދަމުގެ ދަރިޔާއެވެ. އަހަރެންނަކީ އާ ދުވަހެކެވެ. ކަލޭގެ ޢަމަލުތަކުގެ މައްޗަށް ހެކިވެރިވެގެންވަމެވެ. ކަލޭ ދޫކޮށްފައި އަހަރެން ދިއުމަށް ފަހު އަނބުރާ ނާންނާނަމެވެ.”[1]
“އޭ އާދަމުގެ ދަރިޔާއެވެ. ކަލެއަކީ ދުވަސްތަކެކެވެ. ދުވަހެއް ފާއިތުވެއްޖައީމުން ކަލޭގެ އެއްބައި ދިޔައީއެވެ. އޭ އާދަމުގެ ދަރިޔާއެވެ. ދުވާލަކީ ކަލޭގެ މެހެމާނެކެވެ. އެ މެހެމާނަށް ހެޔޮކޮށް ހިތާށެވެ. އޭރަށް އެ މެހެމާނު ކަލެއާއި ވަކިވެގެން ފުރަންދާނީ ކަލެއަށް ތަޢުރީފު ކުރަމުންނެވެ. ނަމަވެސް އެ މެހެމާނާއި މެދުގައި ނުބައިކޮށް ކަންތައް ކުރި ނަމަ އެ މެހެމާނު ފުރަން ދާނީ ކަލެއަށް ކުދިކިޔަމުންނެވެ.[2] ރޭގަނޑަކީ ވެސް ހަމަ އެފަދައިން އަންނަ މެހެމާނެކެވެ. އަހަރެމެންނަށް ލިބިފައި ވަނީ ތިން ދުވަހެވެ. އެއީ އިއްޔެ އާއި މިއަދާއި މާދަމާ އެވެ. އިއްޔެ ހިނގައްޖެއެވެ. މާދަމާ އަންނާނެ ކަމެއް ނޭނގެ އެވެ. ކަލެއަށް ވަނީ މިއަދެވެ. މިއަދުގައި ހެޔޮ ޢަމަލު ކުރާށެވެ.”[3]
އިބްނު މަސްޢޫދު ރަޟިޔަ ﷲ ޢަންހު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނުގެ ހެޔޮ ޢަމަލު އިތުރު ނުކުރެއްވި އަޖަލު މަދުވެގެންދާ ގޮތުގައި އިރުއޮއްސޭ ދުވަހެއްގެ މައްޗަށް ހިތާމަކުރައްވާ ވަރަށް އެހެން އެއްވެސް ކަމަކާއި ހިތާމަ ނުކުރައްވަމެވެ.
“ކަލޭގެ މުދަލުން މަދުވާ އެއްޗަކާއި މެދުގައި ހިތާމަ ކުރަނީ ނަމަ ކަލޭގެ ޢުމުރުން މަދުވާ އެއްޗަކާ މެދުގައި ހިތާމަކުރާށެވެ”[4]
ލިބިފައިވާ ބުއްދީން ވިސްނާށެވެ. ދެ ލޮލުން ބަލާށެވެ. ދެ ކަންފަތުން އަޑުއަހާށެވެ. ހައިވާނުންނަށް ވުރެ ދަށު ދަރަޖައިގެ ބަޔަކަށް ނުވާށެވެ.
“ކަލޭ ވަނީ މިއަދާ އެކުގަ އެވެ. މާދަމާއާ އެކުގައެއް ނޫނެވެ.”[5]
“ތަޤްވާވެރިކަމުގެ ކާނާ އިތުރުކުރާށެވެ. ރޭ ވެއްޖެ ނަމަ ފަތިހާއި ހަމައަށް ދިރިހުންނާނެ ކަމެއް ވެސް ކަލެއަކަށް ނޭގޭނެ އެވެ. އެއްވެސް ބައްޔަކާއި ނުލައި މަރުވީ ދުޅަހެޔޮ ކިތައް މީހުން ހެއްޔެވެ؟ އެތައް ޒަމާނެއް ވަންދެން ދިރުއުޅެނީ ބޮޑެތި ބަލިތަކުގައި ޝިކާރަވެފައިވާ ކިތައް މީހުން ހެއްޔެވެ؟”[6]
[1] އިމާމް ޙަސަނުލްބަޞަރީ ގެ ބަސްފުޅެއް
[2] ކުދިކިޔުން: ކަމަކާއި ނުރިހިގެން މަޑުމަޑުން ކިޔާ އެއްޗެހި
[3] އިމާމް ޙަސަނުލްބަޞަރީ ގެ ބަސްފުޅެއް
[4] އިބްނު މުފްލިސްގެ ބަސްފުޅެއް
[5] އިމާމް ޙަސަނުލްބަޞަރީ ގެ ބަސްފުޅެއް
[6] ޢަރަބި ޅެންބައިތެއްގެ ދޭހަ
މަސްދަރު: ނޫރުލްއިސްލާމް