Last Updated: July 22, 11:03
Tuesday, July 22, 2025
ޚަބަރު

4،000 ފްލެޓުގެ ކުލި ކުޑަކޮށްދޭން ފަހި ޔޫނިއަނުން ގޮވާލައިފި

ސަރުކާރުން 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން އެޅި 4000 ފްލެޓްގެ ކުލި ކުޑަކޮށްދޭން ފަހި ޔޫނިއަން ޖަމިއްޔާއިން ގޮވާލައިފި އެވެ.

ފަހު ޔޫނިއަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއެކު ބޭއްވި ބައްދަލުވުމުގައި އެ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، މި 4000 ފުލެޓަކީ ކުއްޔަށްދޭ އުސޫލުން ދޫކުރާ ފުލެޓްތަކެއް ކަމަށާއި އަދި މި ފުލެޓް ތަކަކީ އެހެނިހެން ރިއަލް އެސްޓޭޓް ކުންފުނިތަކުން ވެސް ދިގު މުއްދަތަކަށް އަގު ދައްކާ ޚަލާސް ކުރުމުން މިލްކު ކުރެވޭ އުސޫލުން، ފަހި ދިރިއުޅުން ކޯޕަރޭޝަނަށް 25 އަހަރުގެ މުއްދަތަކަށް އަގު ދައްކާ ޚަލާސް ކުރުމުން މިލްކުކުރެވޭ ގޮތަށް ދޫކުރެވޭ އެޕާޓްމަންޓްތަކެއް ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ ހައުސިން ސްކީމް ތަކަކީ ސޯޝަލް ހައުސިން ގެ ގޮތުގައި ހިންގާފައިވާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކެއްގެ ގޮތުގައި ފާހަގަ ކުރެވޭއިރު، ރާއްޖޭގައި އެންމެ ފަހުން ދޫކުރި ސޯޝަލް ހައުސިން ސްކީމް ކަމުގައިވާ "ހިޔާ" މަޝްރޫޢުގެ ދަށުން ފުލެޓް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން އެއީ އެފަރާތެއްގެ އަމިއްލަ މިލްކެއް ކަމަށް ހަދައި ދިނުމުގެ އިތުރުން އެ ފުލެޓްތަކަށް ޑައުންޕޭމަންޓް ދައްކަން ނުޖެހި އެގްރީމަންޓްގައި ސޮއި ކުރާ ހިސާބުން ތަޅުދަނޑި ހަވާލުކުރެވި ފުލެޓް ހަވާލު ކުރެވޭ ގޮތައް ހިންގާފައިވާ ސްކީމު ތަކެއްކަން ފާހަގަކުރެވޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

ނަމަވެސް ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕާޓްމަންޓްތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެފްޑީސީ އިން ބުނެފައިވާ ކަމަށާއި އަދި ޑައުން ޕޭމަންޓަށްވާ 25،000 ހާސް ދެއްކުމުން މެނުވީ ތަޅުދަނޑި ޙަވާލު ނުކުރެވޭނެ ކަމަށް އެ ފަރާތުން ބުނި ކަމަށް ވެސް ފަހި ޔޫނިއަން އިން ބުނެ އެވެ.

މީގެއިތުރުން އެކު ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ފަހުން ކުލި ދައްކާ ނަމަ 7،000 ރުފިޔާ ދައްކާ ދެ ކޮޓަރީގެ އެޕާރޓްމަންޓަކަށް 100 ޕަސެންޓަށް ވުރެ ބޮޑު ޖޫރިމަނާ އާއި އެކު 15،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެފްޑީސީއާ އެކު ވެވޭ އެގްރިމެންޓްގައި ހިމަނާފައިވާ ކަމަށް ވަނީ މައުލޫމާތު ދީފައިވާ ކަމަށް އެފްޑީސީން ބުނެ އެވެ. އަދި 9،000 ރުފިޔާ ދައްކާ ތިން ކޮޓަރީގެ އެޕާރޓްމަންޓަކަށް 170 ޕަސެންޓަށް ވުރެ ބޮޑު ޖޫރިމަނާ އަކާއި އެކު 25،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެފްޑީސީއާ ހަވާލާދީ ފަހި ޔޫނިއަނުން ބުނެ އެވެ.

ފަހި ޔޫނިއަން އިން ބުނެފައިވާ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ގައި، ނިމިދިޔަ ސަރުކާރުން ދީފައިވާ ފްލެޓްތައް އަތުނުލާނެ ކަމަށާއި އަދި ފްލެޓްތައް ދޭން ނިންމާފައިވާ ގޮތަކަށް ބަދަލެއް ނުގެނެސް ދިން އެއްޗެއް ދިން ގޮތަކަށް އެއަށް ވުރެ ފުރިހަމަ ކޮށް ދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައީސް މުޢިއްޒު ވެރިކަމާއި ހަވާލު ވުމަށްފަހު ރާއްޖޭގެ އިޤްތިސާދީ ޙާލަތަށް ރިޢާޔަތްކޮށް ކަމަށް ވިދާޅުވެ، ހުޅުމާލެ ފޭސް-1 ގެ ފުލެޓްތަކާއި، ހިޔާ ފުލެޓް، ވިނަރެސް ފުލެޓްގެ އިތުރުން ރާއްޖޭގެ އެހެނިހެން ސޯޝަލް ހައުސިންގ ޔުނިޓް ތަކުގެ ކުލި ކުޑަކުރެއްވި ފަދައިން މި 4000 ފުލެޓްގެ ކުލިވެސް ކުޑަކޮށް ދިނުމަށް ފަހި ޔޫނިއަން އިން ވަނީ ގޮވާލާފަ އެވެ.