Last Updated: May 20, 18:10
Monday, May 20, 2024
ޚަބަރު

މީދޫގެ ބިމާއި ބެހޭ މަސައްކަތް ހުޅުދޫ އޮފީހަށް ބަދަލުކުރާތީ މީދޫ ރައްޔިތުން ރަތަށް!

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމާ ގުޅިގެން ސިޓީ ކައުންސިލްތަކުގެ ބާރުތަކާއި ސިޓީ ކައުންސިލްތަކުން ދޭ ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ 23 ޖުލައި 2015 ގައި އަލުން ކަނޑައަޅުއްވާފައިވާއިރު، ސިޓީ ކައުންސިލުންދޭ ޚިދުމަތްތަކުގެ ތެރޭގައި ބިންބިމާއި ގޯތިގެދޮރާ ގުޅޭ މުޢާމަލާތްތައް ކުރުން ނުހިމެނެއެވެ. އެހެން ކަމުން އައްޑޫސިޓީ ކައުންސިލުން ކުރިން ދެމުން އައި ބިންބިމާއި ގޯތިގެދޮރާއި މުނިސިޕަލް މަސައްކަތްތަކާ ގުޅޭ ޚިދުމަތްތައް ދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިޕާޓްމަންޓެއް ހިތަދޫގައި ވަނީ ގާއިމްކޮށްފައެވެ.

މީގެ އިތުރުން ހައުސިންގ މިނިސްޓްރީގެ ސެކްޝަނެއް ހުޅުދޫ އޮފީސް އިމާރާތުގެ ތެރޭގައި 19 އޮގަސްޓް 2015 ގައި ވަނީ ނަމެއްގައި "ހުޅުވާފަ"އެވެ.

މިސެކްޝަން ނަމެއްގައި ހުޅުވި ކަމުގައިވިޔަސް، ސެކްޝަންގައި އޮފީހަކަށް ބޭނުންވާ އެއްވެސް ސާމާނެއް ނެތުމުގެ ސަބަބުން މިސެކްޝަންގެ ތެރޭގައި ޚިދުމަތެއް ނުދެއެވެ. މިސެކްޝަން އޮފީހެއްގެ ގޮތުގައި ތަރައްޤީކޮށް ސާމާނު ހަމަވުމުން، މީދޫގެ ބިންބިމާއި ގޯތިގެދޮރާއި މުނިސިޕަލް މަސައްކަތްތައް ވެސް މިސެކްޝަނަށް ބަދަލުކުރަން ނިންމާފައިވާތީ މީދޫގެ ރައްޔިތުންގެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މީދޫގެ ރައްޔިތުން ބުނާ ގޮތުގައއ މީދޫގެ ބިންބިމާއި ގޯތިގެދޮރާއި މުނިސިޕަލް ޚިދުމަތްތައް ހުޅުދޫ އޮފީހުގައި ހަދާފައިވާ ތަނަކަށް ބަދަލުކުރުމަކީ އެމީހުން އެދޭ ކަމެއް ނޫނެވެ. މިއީ މީދޫގެ ރައްޔިތުންނަށް ގާތުން ހިދުމަތް ދިނުމުގެ ބަދަލުގައި ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް އެމީހުން ބުނެއެވެ.

"ދެރަށަށް ނިސްބަތްވާ ގޮތަށް ސަރުކާރުގެ އޮފީހެއް ހަދަންޏާ ދެ ރަށުގެ ރައްޔިތުންނަށް ފަސޭހަވާ ގޮތަށް ހަދަންވާނީ. ހައުސިންގ މިނިސްޓްރީގެ އޮފީސް ހުޅުދޫ އޮފީހުގެ ތެރޭގައި ހަދާފައިވަނީ ހުޅުދޫގެ މަޖިލީސް މެންބަރަކީ ޕީޕީއެމް މީހަކަށްވާތީ ކަމަށް ބެލެވެނީ. އެސްޓީއޯ އިމާރާތްވެސް އެހުރީ ދެރަށުގެ ރައްޔިތުންނަށްވެސް ފަސޭހަ ހިސާބެއްގައި. އެތަނުގައި ކީއްވެ ހައުސިންގ މިނިސްޓްރީގެ އޮފީސް ނެހެދެންވީ" މީދޫ ރައްޔިތަކު ބުންޏެވެ.

ހައުސިންގ މިނިސްޓްރީގެ ހުޅުދޫ ސެކްޝަންގެ އިސްވެރިޔަކަށް ސަރުކާރުން އޮގަސްޓް 27، 2015 ހަމަޖައްސާފައިވަނީ، މަޢުމޫން ޢަބްދުލް ޤައްޔޫމްގެ ރައީސް ކަމުގެ ދައުރުގައި ހުޅުދޫގެ ބޮޑުކަތީބުކަން ކުރެއްވުމަށް ފަހު، ހުޅުދޫ އޮފީހުގެ ސިވިލް ސަރވިސް މަޤާމެއްގައި ހުންނަވަނިކޮށް 65 އަހަރު ފުރިގެން ވަޒީފާއިން މުސްކުޅިކޮށްފައިވާ މުޙައްމަދު ޖަމީލެވެ.