Last Updated: July 22, 11:03
Tuesday, July 22, 2025
ޚަބަރު

ސަރުކާރުގެ ސިޔާސަތުތައް ގޯސް، ހުރިހާ ބުރައެއް ރައްޔިތުންނަށް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

ސަރުކާރުގެ ގޯސް ސިޔާސަތުތަކުގެ ހުރިހާ ބުރައެއް އުފުލަން ޖެހިފައިވަނީ ރައްޔިތުންނާއި ވިޔަފާރިތަކަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޓީއެމްއޭގެ މުވައްޒަފުންގެ މުސާރައިގެ އެއްބައި ދިވެހި ރުފިޔާއިން ދިނުމަށް ނިންމި ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މިއީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ގޯސް ސިޔާސަތުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އިގްތިސާދު ދަތިކަމުގެ ތެރެއަށް ވެއްޓިފައިވާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

ސަރުކާރަށް ފައިސާ ނުހޯދުމާއި، މުހިންމު ސިޔާސަތުތަކަށް އިރުއިރުކޮޅާ ބަދަލު ގެނައުމާއި، ލިބިފައިވާ މަދު ވަސީލަތްތައް ބޭކާރު ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، އެތެރޭގެ ބާޒާރުގައި ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ސަރުކާރުގެ ފެއިލިޔާތަކުގެ ބުރަ އުފުލަން ޖެހިފައިވަނީ އާންމު ރައްޔިތުންނަށާއި ވިޔަފާރިތައް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު މިހެން ވިދާޅުވި އިރު ޑޮލަރުގެ އަގު ކަޅުބާޒާރުގައި 20 ރުފިޔާއަށް މިހާރު ވަނީ އުފުލިފަ އެވެ.

ރާއްޖޭގައި ޑޮލަރު ލިބުން ދަތިވުމާއި ކަޅު ބާޒާރުގައި ޑޮލަރު ބޮޑު އަގުގައި ވިއްކަމުންދާ މައްސަލަ އަށް މިހާތަނަށް ވެސް އެކަށީގެންވާ ހައްލެއް ސަރުކާރަށް ހޯދައި ދެވިފައި ނުވާތީ މި މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު މަހެއްހައި ދުވަހުން ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށެވެ. އޭގެ ފަހުން ވެސް އެތައް ފަހަރެއްގެ މަތިން މި މައްސަލަ ހައްލުވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވާފައިވެ އެވެ.