ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކް ކުރާ ވެހިކަލްތައް ޓޯކުރަން ފުލުހުން ފަށައިފި އެވެ.
ހުޅުމާލެ ޓްރެފިކް ފުލުހުން ބުނީ ހުޅުމާލޭގައި ޕާކްކުރުން މަނާ ތަންތަނުގައި އަދި ޓްރެފިކްގެ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރަމުން އަންނަ ކަމަށެވެ.
އޭގެ ތެރޭގައި ކަފިހިހުރަސްތަކާއި ޑަބަލް ލައިން ކުރަހާފައި ހުންނަ ތަންތަނުގެ އިތުރުން ޓްރެފިކް ފްލޯއަށް ބުރޫ އަރާފަދަ ގޮތަކަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ހިމެނެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ހާމަ ކުރާ ގޮތުގައި މާލޭ ސަރަހައްދުގައި 118،000 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓްރީ ކޮށްފައިވެ އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވީ ވައުދަކީ ގަވާއިދާ ހިލާފަށް ޕާކު ކުރުމުން ސްޓިކާ ޖަހައި ޖޫރިމަނާ ކުރާނީ ޕާކު ކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމު ކޮށްދިނުމަށްފަހު ކަމަށެވެ.