Last Updated: July 22, 11:03
Tuesday, July 22, 2025
ޚަބަރު

ބީއެމްއެލް އިން ކުދި ވިޔަފާރިތަކަށް 1.9 ބިލިއަންގެ ލޯނު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސް އަހަރުތެރޭ 1.9 ބިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ބީއެމްއެލުން އެގޮތަށް ހުށަހެޅީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގައި އޮންނަ ސަރުކާރުގެ ހިއްސާ ގަތުމަށް ހުށަހެޅި ހުށަހަޅުމުގަ އެވެ. އެ ހުށަހެޅުމުގައިވާ ގޮތަށް ކެބިނެޓުން މިއަދު ވަނީ އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލުމަށް ނިންމައިފަ އެވެ.

ރައީސް އޮފީހުން ބުނީ އެސްޑީއެފްސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން އަދި ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބީއެމްއެލް އިން ހުށަހަޅާފައިވާ ކަމަށެވެ. އަދި ބިޒްނަސް ސްޓާޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނީ ބޭންކް އޮފް މޯލްޑިވްސްއިން އެސްޑީއެފްސީ ގަތުމަށްފަހު، އެސްޑީއެފްސީ ހިންގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައި ޑިޖިޓަލް ބޭންކިންގެ ނިޒާމުގެ ތެރެއިން ކަމަށެވެ.

މީގެއިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ދަށުން ހިނގަމުންދާއިރުވެސް، އެސްޑީއެފްސީއިން ކުދި އަދި މެދުފަންތީގެ ލޯންތައް ދޫކުރަމުން ދާނީ މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށް ވުރެ ބޮޑުނުވާ ގޮތަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި މާލީ މުއާމަލާތްތައް ބައްޓަން ކުރަމުންދާނީ، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރުކުރެވޭނެ ގޮތަށް ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.