Last Updated: July 22, 10:52
Tuesday, July 22, 2025
ޚަބަރު

އެސްޑީއެފްސީ ގަތީ އިގުތިސާދަށް ފުދުންތެރިކަން އިތުރުކުރަން

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަތުމުގެ މަގުސަދަކީ އިގުތިސާދަށް ފުދުންތެރިކަން އިތުރުކުރުން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލް އިން ހުށަހެޅި ގޮތަށް އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ވިއްކާލުމަށް ކެބިނެޓުން އިއްޔެ ވަނީ ނިންމައިފަ އެވެ.

ބީއެމްއެލުން ބުނީ އެ އެއްބަސްވުމާއެކު އެސްޑީއެފްސީން ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ފޯރުކޮށްދޭނީ އިސްލާމިކް ފައިނޭންސިން ހިދުމަތްތައް ކަމަށެވެ. އެގޮތުން ޑިޖިޓަލް ބޭންކުގެ އާ ސްޓްރެޓެޖީގެ ދަށުން އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެނުން ހިންގާ ވިޔަފާރިތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ވިޔަފާރިތަކާއި، ދެމެހެއްޓެނިވި ވިޔަފާރިތަކާއި އީ-ކޮމާސްގެ ދާއިރާތަކަށް ފައިނޭންސް ފޯރުކޮށްދިނުމަށް އިސްކަންދެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ އެސްޑީއެފްސީ ގަތުމުގެ މަގުސަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ވިއުގައާއި، ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިން ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުމަށާއި، ރައްޔިތުން މާލީ ބައިވެރިވުން އިތުރުކޮށް، ދިވެހި އިގުތިސާދަށް ފުދުންތެރިކަން އިތުރުކުރުން ކަމަށެވެ.

އެމްއެސްއެމްއީ ދާއިރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން އެސްޑީއެފްސީން ހިދުމަތް ދޭނީ ޑިޖިޓަލް ލެންޑިން ޕްލެޓްފޯމް އަދި ޑިޖިޓަލް މާކެޓްޕްލޭސް ފަދަ ހާއްސަ މާލީ ހައްލުތަކާއެކުގައި ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެސްޑީއެފްސީން ހިދުމަތް ފޯރުކޮށްދޭ އެމްއެސްއެމްއީ ދާއިރާއަކީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ، އަދި ހަމައެހެންމެ އިގުތިސާދުގެ ކުރިއެރުމާއި އީޖާދީ ކަންކަމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށެވެ.

"ބޭންކުގެ މި ނިންމުމާއެކު، އިސްލާމިކް ބޭންކިން ހިދުމަތްތައް އަޅުގަނޑުމެންގެ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީ މެދުވެރިކޮށް ރާއްޖޭގެ އެމްއެސްއެމްއީތަކަށް އެންމެ ޒަމާނީ ބޭންކިން ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލް އިން ވަނީ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ އެ ޑިޖިޓަލް ފަސްޓް ސަބްސިޑަރީ މެދުވެރިކޮށް އެސްޑީއެފްސީން ފައިނޭންސް ދޫކުރަމުން އައި ޖުމުލަ ނިސްބަތަށްވުރެ އިތުރަށް ފައިނޭންސް ދޫކުރާނެ ކަމަށް ބުނެފަ އެވެ. އަދި ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެސްޑީއެފްސީން އެމްއެސްއެމްއީތަކަށް ދީފައިވާ ފަހި ޝަރުތުތަކާއެކުގައި ކަމަށްވެސް ބީއެމްއެލް އިން ބުނެ އެވެ.