ރާއްޖޭގައި މިވަގުތު މިއޮތީ ޑޮލަރުގެ ބަޣާވާތެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޑޮލަރުގެ އަގު ކަޅުބާޒާރުގައި 20 ރުފިޔާއަށް އުފުލިފައިވާއިރު، ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ޑޮލަރު ލިބޭ މިންވަރަށް ވުރެ މާބޮޑަށް އިތުރަށް ދިވެހި ރުފިޔާ ޗާޕުކޮށްގެން ނެރެފިނަމަ، ދިވެހި ރުފިޔާގެ އަގު ވެއްޓޭނެ ކަމަށާއި މިހާރު ދިމާވެގެން މި އުޅެނީ އެ މައްސަލަ ކަމަށެވެ. މިކަން މިގޮތަށް ދިމާވުމުގައި ކުރީ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕުކުރުމަށްފަހު ނެރުމާއި، އެ ސަރުކާރުގެ އިހުމާލު ހިމެނޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ދުނިޔޭގައި ޑޮލަރުގެ އަގު އެ އަންނަނީ ތިރިވަމުން. ޑޮލަރުގެ އަގު ހަބޭހަށް އެބަ ތިރިވޭ އެމެރިކާގައި މެކްރޯ ޕޮލިސީތައް އެދާ ގޮތުން. އެހެންވީމަ ރާއްޖޭގައި ވެސް ޑޮލަރުގެ އަގު ދަށްވާން ވާނީ. އެކަމަކު ރާއްޖެއަށް އޭގެ އަސަރެއް ނައިސްގެން މި އުޅެނީ އާދަޔާ ހިލާފަށް ބޮޑު އަދަދުގެ ދިވެހި ރުފިޔާ ނިކުމެ ޑޮލަރު ޗޭސް ކުރާތީ. ޑޮލަރު އެތެރެވާ ވަރެއް އިތުރެއް ނުވޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ މި ހުރިހާ ކަމެއް ހައްލުކުރެވޭނެ ކަމަށް ވައުދުވެގެން ކަމަށާއި ޑޮލަރުގެ އަގު 15.42ރ. އަށް ނުވަތަ އެއަށް ވުރެ ވެސް ތިރިއަށް ވެސް ގެންދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ތަކުރާރުކޮށް ހާމަކުރެއްވި ކަމަށެވެ. ނަމަވެސް މިއީ މިހެން ކުޅެވޭ ކުޅިވަރެއް ނޫން ކަމަށާއި ޑޮލަރަކީ ރާއްޖެއިން ހަދާ ގާނޫނަކުން ކޮންޓްރޯލް ކުރެވޭ އެއްޗެއް ނޫންކަން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި މިނިސްޓަރު ސައީދަށް އެނގިވަޑައިނުގެންނެވުމަކީ މައްސަލައެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
އަދި ޑޮލަރު ނުލިބޭތީ ބިރުން އުޅޭނަމަ، ޑޮލަރު މާރުކުރާ މީހުން މާރުކުރާނީ ކިރިޔާ ބޭނުންވާ ވަރަށް ކަމަށާއި ބާކީ ހުރި ހުރިހާ ރެމިޓެންސެއް ބަހައްޓާނީ ރާއްޖެއިން ބޭރުގައި ކަމަށް ޔާމީން ވިދާޅުވި އެވެ. މި ސަރުކާރުގެ ކަންކަން ހުންނަ ގޮތުން މީހުންގެ އެކައުންޓުތަކުގައި ބޮޑެތި އަދަދުން ޑޮލަރު ހުންނަ ނަމަ ސަރުކާރުން ބޭންކުތަކަށް ގެރެންޓީއެއް ދިނުމަށް ފަހު ޑޮލަރު ދިނުމަށް ވެސް އެންގުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"މި ބޭފުޅުން ހަމަ ބުނެފާނެ މިއީ ދައުލަތުން ދޭ ގެރެންޓީއެކޭ، ބޭންކު ޖާމިނުވެފައި ތިމަންނަމެންނަށް އަމިއްލަ މީހުންގެ އެކައުންޓުގައި ހުރި ފައިސާ ދޭށޭ. ތިމަންނަމެން ރިޓާން ކުރާނަމޭ ބޮޑު އިންޓްރެސްޓާއެކީ. އެހެންވީމަ މިވަގުތު މިއޮތީ ޑޮލަރުގެ ބަޣާވާތެއް،" ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ޔާމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑު ވަފުދަކާއެކު ދާދިފަހުން އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ބީއެމްއެލްގައި ހުރި ހުރިހާ ޕައުންޑެއް ގަނެގެން ކަމަށްވެސް ތުހުމަތު ކުރައްވައި އެކަމަށްވެސް ފާޑު ވިދާޅުވެފަ އެވެ.