Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

'އޭޝިއާ-ބާލިން ސަމިޓް' ގައި ބައިވެރިވާން ހުޅުވާލައިފި

މި އަހަރުގެ ނޮވެމްބަރު މަހު ޖަރުމަންގެ ބާލިންގައި ބާއްވަން ހަމަޖެހިފައިވާ "އޭޝިއާ ބާލިން ސަމިޓް" ގައި ބައިވެރިވާން ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލައިފި އެެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ނޮވެމްބަރު މަހުގެ 24-28 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ސަނިޓްގައި ބައިވެރިވުމުގެ ފުރުޞަތު، ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ކަމަށް ބާލިންގައި ހުންނައްޖޭގެ މިޝަން މެދުވެރިކޮށް ޖަރުމަންގެ ސަރުކާރުން މި މިނިސްޓްރީ އަށް އަންގަވާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ "ކަނެކްޓިން ސްޓާޓަޕް އީކޯސިސްޓަމްސް ފޮ ޑައިވާސިޓީ އެންޑް އިނޮވޭޝަން" ގެ ޝިއާރުގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ ސަމިޓަކީ ބައިނަލްއަޤްވާމީ އުފެއްދުންތެރިންނާއި ވިޔަފާރިވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި އިންވެސްޓަރުން ބައިވެރިވާ މުހިންމު ސަމިޓެެއް ކަމަށެވެ.

ސަމިޓުގައި މައިގަނޑު ގޮތެއްގައި ފަސް ދާއިރާއަކަށް އަލިއަޅުވައިލާނެ އެވެ. އެއީ ސިއްޙީ ދާއިރާ، ޓެކް، ފިން-ޓެކް، ގްރީން-ޓެކް، މޮބިލިޓީ، އަދި ކްރިއޭޓިވް އިކޮނޮމީ އެވެ.

"އޭޝިއާ-ބާލިން ސަމިޓް" އަކީ، ރާއްޖޭގެ ވިޔަފާރިތަކުގެ އިނޮވޭޝަން ލޭންޑްސްކޭޕް އަދި ސްޓާޓަޕް އިކޯސިސްޓަމް ދައްކާލުމަށް އަގުހުރި ޕްލެޓްފޯމެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި. އެކި ގައުމު ތަކުގެ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށް ދިނުމަށް ތަފާތު އެކި އެކި ހަރަކާރްތައް މި ސަމިޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފާ ކަމަށް ބުންޏެވެ. އެގޮތުން، އެކްސްކްލޫސިވް ރައުންޑް ޓޭބަލްތަކުގައި ބައިވެރިވެ، ކޯ-ހޯސްޓް ސެޝަންތަކުގައި ނުވަތަ ސަގާފީ ޝޯކޭސްތަކުގައި ބައިވެރިވުމާއި، އިވެންޓުތަކުގައި ސަގާފީ ކާނާ ސްޕޮންސަރކޮށްގެން އެފަރާތެއްގެ ގައުމީ ތަރިކަ ދައްކުވައި ދިނުމަށް ވެސް ސަމިޓްގައި ފުރުސަތު ލިބޭނެ އެވެ.

މިނިސްޓްރީން ބުނީ މި ސަމިޓަަށް ދާން ހަރަދު ކުރަން ޖެޖޭނީ އަމިއްލަ އަށް ކަމަށެވެ. އެކަމަކު ބައިވެރިންނަށް އެހެނިހެން އެހީތެރިކަން، ބާލިންގެ ދިވެހި މިޝަނުން ފޯރުކޮށް ދޭނެ ކަމަށެވެ.

އެހެންވެ ސަމިޓްގައި ބައިވެރިވާން ޝައުގުވެރިވާ ވިޔަފާރިތަކަށް ބޭނުންވާ މައުލޫމާތު މި މެެއިލް [email protected] މެދުވެރިކޮށް ހޯދާނެ އެވެ. އަދި ސަމިޓާ ގުޅޭ އިތުރު މައުލޫމާތު މި ލިންކުން abs2025.asia.berlin ލިބޭނެ އެވެ.