ނ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އެ އަތޮޅަށް ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގައި ވެސް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އެކި ރަށްރަށުގައި ތަރައްޤީއަށް ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުތައް ފައްޓަވައި ދެއްވުމަށް ހަމަޖެހިފައިބެ އެވެ. އެގޮތުން ބައެއް ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެއްޓެވުމާއި ޕޮލިސް ޕޯސްޓް ގާއިމު ކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުން ހިމެނެއެ ވެ. މީގެ އިތުރުން ވެސް ރަށްރަށަށް ސްކޫލްތަކާއި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ކުރިއެރުމަށް ސަރުކާރުން ރާއްވަވައިގެން ކުރައްވަން އެކަށައަޅުއްވާފައިވާ ބައެއް މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފައްޓަވައި ދެއްވާނެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ނ. އަތޮޅުގައޮ މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ، ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދުއަށެވެ.
ރައީސްގެ މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ދަތުރުފުޅު ނިންމަވާލައްވައި ރައީސް މާލެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު އެވެ.