ހުޅުމާލޭގެ ކޭ ޕާކް ރެސިޑެންސީސް މަޝްރޫއާ ގުޅިގެން ދިގުލައި، އެ މައްސަލައާ ގުޅިގެން ގެއްލުން ލިބުނު މީހުންނަށް އިންސާފު ނުލިބި ލަސްވާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
އެ ގަރާރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީހެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
ގަރާރުގައި އޭނަ ވިދާޅުވީ އަމިއްލަ ކުންފުންޏަކުން ފެށި ކޭ ޕާކް ރެސިޑެންސް މަޝްރޫއު އިން ފްލެޓު ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށް، ގިނަ ބަޔަކު ޑައުންޕޭމަންޓު އަދި ބައެއް މީހުން އެއްކޮށް ފައިސާ ދައްކާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މާލީ ގޮތުން އެ މީހުންނަށް ގެއްލުންވެ، އެ ފައިސާ އެ މަޝްރޫއުގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން އެހެން މަޝްރޫއަކުން ފްލެޓު ގަތުމުގެ ފުރުސަތު ވެސް ބަންދުވެފައިވާ ކަމަށެވެ.
އަދި ފްލެޓެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތުމަކީ އެހެން ފްލެޓެއް ނުލިބޭނެ ސަބަބެއް ކަމަށް އަސާސީ ބޯހިޔާވަހިކަން ފޯރުކޮ ށްދިނުމަށް ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ޝަރުތެއް ގޮތުގައި ކަނޑައަޅާފައިވާތީ އެމީހުންނަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުން ފްލެޓު ގަތުމުގެ ފުރުސަތު ވެސް ގެއްލިފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
އޮކްޓޯބަރު 19، 2022 ގައި ހުޅުމާލޭގައި ސެންޓްރަލް ޕާކު ކުރިމަތީގައި ތަރައްގީ ކުރަން ފެށީ ކޭޕާކް ރެސިޑެންސް
އެ ފްލެޓުތައް ހަވާލުކުރުން ލަސްވަމުންދާ ނަމަ ނުވަތަ އެ މައްސަލަ ހައްލު ނުވެ އެތައް ދުވަހެއް ފާއިތުވެގެންދާ ނަމަ އެ އާއިލާތަކުގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް ވެސް ކުޑޫގެ ގަރާރުގައިވެ އެވެ.
އެހެންވެ މައްސަލަ ހައްލުކުރަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެކި ފަހަރުމަތިން ސިޓީ ފޮނުވައިއި، އިދާރާތަކުގެ ވެރިންނާ ބައްދަލުކޮށް އާދޭސް ކުރާތާ އެތައް ދުވަހެއް ފާއިތުވެދިޔައިރު ވެސް އެކަށީގެންވާ ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ކޭޕާކް ރެސިޑެންސީއިން ފްލެޓް ގަތް 50 މީހުން ސޮއިކޮށް ސިޓީއަކާއެކު މިދިޔަ ހަފުތާގައި މަޖިލީހަށް ޕެޓިޝަނެއްވެ ސް ހުށަހަޅާފައިވެ އެވެ.