Last Updated: July 23, 13:28
Wednesday, July 23, 2025
މުނިފޫހިފިލުވުން

އެންމެން މިހާރު ދައްކަނީ 'ސައްޔާރާ' ގެ ވާހަކަ

މިދިޔަ ހުކުރު ދުވަހު ސިނަމާތަކަށް ގެނައި ބޮލީވުޑްގެ ފިލްމު "ސައްޔާރާ" ގެ ޖާދޫގައި މުޅި އިންޑަސްޓްރީ އާއު އާންމުން ވެސް ޖެހިއްޖެ އެވެ.

މީޑިއާތަކުގައި ވެސް އެ ފިލްމުގެ ވާހަކަ ހުއްޓުމެއް ނެތި، ހޫނުކޮށް ދެކެވެމުން އަންނަ އިރު، ގިނަ ކްރިޓިކުންގެ ފަރާތުން ވެސް މި ފިލްމަށް ތައުރީފު ނޫން އެއްޗެއް ލިބިފައެއް ނުވެ އެވެ. އަސަރު ގަދަ ލޯބީގެ މިއުޒިކަލްއެއްގެ ގޮތުގައި ގެނެސްދިން "ސައްޔާރާ" އަކީ ކުރިން ވެސް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ މޯހިތު ސޫރީގެ ޑައިރެކްޝަނެކެވެ.

އޭނަ 2013 ގައި ގެނެސްދީގެން ބޮޑު މަގުބޫލު ކަމެއް ހޯދި "އާޝިގީ 2" ގެ ތައްގަނޑަށް ގެނެސްދިން ފިލްމުގައި ކިޔައި ދެނީ އަރަމުން އަންނަ ޒުވާން ފިރިހެން ލަވަކިޔުންތެރިޔަކާއި ޅެން ހަދާ ޒުވާން އަންހެނެއްގެ ދެމެދުގައި އުފެދޭ ލޯބީގެ ވާހަކަ އެވެ.

މި ފިލްމަކީ އާ ތަރިންތަކެއްގެ ފިލްމެކެވެ.

"ސައްޔާރާ" ގެ ބަތަލަކީ އަހާން ޕާންޑޭ އެވެ. އޭނަ އަކީ މަޝްހޫރު އެކްޓަރު ޗަންކީ ޕާންޑޭ އަށް ބޮޑުބޭބެ ކިޔާ ފަންނާނެކެވެ. ފިލްމުގެ ބަތަލާ އަކީ އަނީތު ޕައްޑާ އެވެ. "ސައްޔާރާ" އަކީ އޭނަ ލީޑް ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފުކުރި ފިލްމު ނަމަވެސް އުންމީދީ ބަތަލާގެ ފުރަތަމަ ފެނުލުމަކީ ކާޖޮލްގެ 2022 ގެ "ސަލާމް ވެންކީ"" އެވެ. އަދި މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވިޑިއޯ އިން ގެނެސްދިން "ބިގް ގާލްސް ޑޯންޓް ކްރައި" ގެ ރޯލަކުން ވެސް އަނީތު ފެނިފައިވެ އެވެ.

"ސައްޔާރާ" ގެ ޖާދޫގައި ގިނަ ބަޔަކު ޖެހުނު މައިގަނޑު ސަބަބަކީ ފިލްމުގެ ވާހަކަ އަސަރު ގަދަވެފައި، މޯހިތުގެ ޑައިރެކްޝަން ވެސް ވަރަށް ފުރިހަމަވެއި، ފިލްމުގެ ލީޑް ދެ އެކްޓަރުންގެ އެކްޓިން ވެސް އިންތިހާ އަށް މޮޅުވުމެވެ. ވަރަށް ގިނަ ކްރިޓިކުން ބުނެގފައިވާ ގޮތުގައި މި ފިލްމަކީ އާ ތަރިންތަކެއްގެ މަސައްކަތެކޭ ބުނާ ވަރަށް ވުރެ އަހާން އާއި އަނީތު މޮޅެވެ.

އެއާ އެކު ސައްޔާރާ ވެފައި ވަނީ އާ ފަންނާނުންތަކެއް ހިމަނައިގެން ބޮލީވުޑުން މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު އެއް ފިލްމަށެވެ. އެގޮތުން ފިލްމު ރިލީޒްކުރި ދުވަހު އެކަނި ވެސް، ވަރަށް ރަނގަޅު ފެށުމެއް، ބޮކްސް އޮފީހުގައި ލިބިފައިބާ އިރު، މިއީ ރެކޯޑް އާމްދަނީއެއް ވެސް ހޯދާނެ ފިލްމަކަށްވުމުގެ ފުރުސަތު ބޮޑެވެ.

"ސައްޔާރާ" ކަމުދިޔަ މުހިއްމު ސަބަބުތަކުގެ ތެރޭގައި ފިލްމުގެ މިއުޒިކް ހިތްގައިމު ވެސް ހިމެނެ އެވެ. މޯހިތަކީ އަބަދު ވެސް އޭނަގެ ފިލްމުތަކުން ވަރަށް ރީތި ލަވަތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. ހަމަ އެގޮތަށް "ސައްޔާރާ" އަކީ ވެސް ހަމަ އެފަދަ ފިލްމެކެވެ.

ބޮލީވުޑްގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކާއި ކްރިޓިކުން ވެސް ލަފާކޮށްފައިވާ ގޮތުގައި ފިލްމަށް ލިބެމުން އަންނަ ބޮޑު ތަރުހީބަށް ބަލާ އިރު، "ސައްޔާރާ" އަކީ ބޮކްސް އޮފީހުގައި 500 ކްރޯޑް ރުޕީސް (58 މިިލިއަން ޑޮލަރު) ގެ އާމްދަނީއެއް ވެސް ހުރަސްކޮށްފާނެ ފިލްމެކެވެ. ބޮލީވުޑްގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އުފެއްދި ފިލްމު ހަދާފައި ވަނީ ގާތްގަނޑަކަށް 40 ކްރޯޑް ރުޕީސް (4.6 މިލިއަން ޑޮލަރު) ގެެ ބަޖެޓަކުންނެވެ.

"ސައްޔާރާ" އަށް ބޮލީވުޑްގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާއި ޕްރޮޑަކްޝަން ހައުސްތަކުން ވެސް ތައުރީފު ކުރަމުން އަންނަ އިރު، މީގެ ޖާދުއާ އެކު އިންޑަސްޓްރީ އަށް ވަރަށް ބޮޑު އުފަލަކާއި ޖޯޝްއެއް އައިސްފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.