ބޭންކް އޮފް މޯލްޑިވްސް ބިއެމްއެލް) ގެ މި އަހަރުގެ ބޭންކް ފަންޑް ލިބޭ ޖަމިއްޔާތައް ހޮވައިފި އެވެ.
މުޖުތަމައުގެ ތަރައްގީ އާއި ކުރިއެރުމަށް ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް ހިންގާ ޖަމްޢިއްޔާ ޖަމާއަތްތަކަށް ހާއްސަކޮށްގެން ދޭ ފަންޑަށް ހޮވިފައި ވަނީ ފަސް ޖަމިއްޔާއެކެވެ. އޭގެ ތެރޭގައި ހިމެނެނީ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އާއި ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ އާއި ފައުންޑޭޝަން ފޯ އޭދަފުށި ޔޫތު ލިންކޭޖް ފޭލި) އާއި މޯލްޑިވްސް ނާސަސް އެސޯސިއޭޝަންގެ އިތުރުން ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އެވެ.
ޑައިބެޓީސް ސޮސައިޓީ އަށް އެހީ ދިނީ ހުޅުމާލޭގައި ކްލިނިކެއް ގާއިމުކޮށް، ބަލިން ރައްކާތެރިވުމާ، ކުރީބައިގައި ބަލި ދެނެގަތުމާއި ހަކުރުބަލި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ގިނަ ބަޔަކަށް ފަސޭހައިން ވާސިލުވެވޭނެ ގޮތަށް ޚިދުމަތް ފުޅާކުރުމަށެވެ.
ޔުނައިޓެޑް އިސްލާމިކް ސޮސައިޓީއަށް އެހީ ދިނީ ދަރިވަރުންގެ ޑިޖިޓަލް މީޑިއާ ހުނަރު ކުރިއެރުވުމަށް ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޒަމާނީ މަލްޓި މީޑިއާ ސްޓޫޑިއޯއެއް ގާއިމުކޮށް، މިހާރު ވެސް ހިންގަމުންދާ މީޑިއާ ކްލަބްގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށެވެ.
ފޭލި ހޮވިފައި ވަނީ ވޮކޭޝަނަލް އަދި ކްރިއޭޓިވް ސްކިލްސް ތަރައްގީކުރުމަށް ބ. އޭދަދުށީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި އިންޓެގްރޭޓެޑް ދެ ލެބެއް ގާއިމު ކުރުމަށެވެ.
ނާސަސް އެސޯސިއޭޝަންއަށް ހުޅުމާލެ ފޭސް ދޭއްގައި ދިރިއުޅޭ ފަރާތްތަކަށް ނަފްސާނީ ބަލިތަކަށް ޚާއްސަ ޚިދުމަތެއް ތައާރަފްކޮށް، ނަފްސާނީ ބަލި އެންމެ ބޮޑަށް ތަހައްމަލު ކުރަމުންދާ ފަރާތަތްތަކަށް ބޭނުންވާ އެހީއަށް ފަސޭހައިން ވާސިލުވެވޭނެ ޚިދުމަތެއް ގާއިމުކުރުމެވެ. އަދި ޓައިނީ ހާޓްސް އަށް އެހީ ދިނީ ހިތުގެ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން ޕްރޮމޯޓް ކުރުމަށް ޑިޖިޓަލް ވަސީލަތްތަކުގެ ހަބެއް ގާއިމުކުރުމަށެވެ.
ބޭންކް ފަންޑަކީ ތައުލީމާއި ތިމާވެެއްޓާއި ކުޅިވަރު އަދި މުޖުތަމަޢު ކުރިއެވުމަށް މަޝްރޫއުތައް ހިންގުމަށް ބޭންކު ފަންޑަށް އެދި ހުށަހަޅާ ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ހޮވާލާ ކޮންމެ ޖަމިއްޔާއަކަށް 200،000ރ. ރުފިޔާގެ ހިލޭ އެހީ ލިބޭ ފަންޑެކެވެ.