Last Updated: July 23, 13:28
Wednesday, July 23, 2025
ޚަބަރު

މާފަރު އެއާޕޯޓްގެ ޓާމިނަލް އިތުރަށް ތަރައްގީ ކުރާނެ

ތަރައްގީގެ އިތުރު މަސައްކަތްތަކެއް ކުރުމަށް ފަހު މި މަހުގެ ތެރޭގައި ރަސްމީކޮށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިފުތިތާހުކޮށްފައި ވަނިކޮށް، އެ އެއާޕޯޓް ޓާމިނަލްގެ ފެންވަރު މަތިކުރަން މަސައްކަތްތަކެއް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުގެ ތެރެއިން މާފަރަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ އެކަށީގެންވާ ފެންވަރުގެ ރަންވޭއަކާ އެކު މާފަރު އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އަދިވެސް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތާއި ޓޫރިސްޓުންނަނަށް ހާއްސަ ހޮޓަލެއް ހޮޓަލެއް ވެސް ހުންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެންމެ މުހިންމު ކަމަކީ އެކަށީގެންވާ ފެންވަރުގެ ޓާމިނަލްގެ މަސައްކަތް ކުރިއަށްގެންދިއުން. ހަޤީގަތުގައި މިތަނުގައި މި އަތޮޅުގައި ވަރަށް ގިނަ ރިސޯޓްތައް ގިނަ އެނދުތައް ހުރުމާއި އަދި އިތުރުވުމުގެ މަރުހަލާގައި އުޅުމާއި އެކު އެބައޮތް ވަރަށް ބޮޑު ޕޮޓެންޝިއަލްއެއް،" ރައީސް ވިދާޅުވި އެވެ. "އެހެންވީމަ މިތަނުގައި ހުންނަންޖެހޭ އެހެން ކަންތައްތައްވެސް އެބަހުރި އެއަރޕޯޓްގައި މިސާލަކަށް ހޮޓަލެއް ޓޫރިސްޓުން އައިސް ފުރުމާއި ދޭތެރޭގައި މަޑުކޮށްލަން ވަގުތީގޮތުން ހުންނަ ބޭނުންތަކަށް ހުންނަން ހޮޓަލެއް ހުރުމާއި ކަންތައްތަކެއް އަޅުގަނޑުމެންގެ ޕްލޭންގައި އެބައޮތް."

ރައީސް ވިދާޅުވީ އެކަމާ ގުޅޭ ކަންކަން ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެއާޕޯޓަށް ގެންނަން ބޭނުންވާ ވަށައިޖެހިފައިވާ ފުރިހަމަ އެއާޕޯޓަކަށް ހެދުމަށް ޓާމިނަލްގެ މަސައްކަތާއި އަދި ހޮޓެލެއްގެ މަސައްކަތްވެސް ކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވިއެވެ.

މާފަރު އެއާޕޯޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 2،200 މީޓަރުގެ ރަންވޭއަކާއި، ޕެސެންޖަ ޓާމިނަލް އިމާރާތާއި ވީއައިޕީ ލައުންޖް ތަރައްޤީކޮށްފައިވެ އެވެ. އަދި ފަޔަ އެންޑް ރެކްސިއު ސްޓޭޝަނާއި ކޮންޓްރޯލް ޓަވަރާއި ޕެސެންޖަ ޖެޓީއެއް ވެސް ގާއިމުކޮށްފައިވެ އެވެ.

މި އެއާޕޯޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ކޮމާޝަލް ދަތުރުތައް ފެށީ ޑިސެންބަރު 1، 2019 ގަ އެވެ. އަދި ރަންވޭ ބޮޑު ކުރުމަށް ފަހު އެއާޕޯޓް ރަސްމީކޮށް އިފުތިތާހުކުރީ މި މަހުގެ 8 ގަ އެވެ.

ނ. އަތޮޅުގައި މިހާރު 8 ރިސޯޓް ހިންގަމުން އަންނަ އިރު، 14 ގެސްޓްހައުސް ވެސް ހިންގަމުން ދެ އެވެ.