Last Updated: July 23, 13:28
Wednesday, July 23, 2025
ޚަބަރު

އުއްތަމަފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ އުއްތަމަފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

ޖޭއެސްސީން ނެރުނު އިއުލާނެއްގައި ބުނީ އުއްތަމަ ފަނޑިޔާރު ކަމަށް އެޕްލިކޭޝަން ހުށަހަޅާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ 12:00ގެ ކުރިން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަނުގެ ރަސްމީ ގަޑީގައި ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެ ކަމަށް އިއުލާނުގައިވެ އެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން އުއްތަމަ ފަނޑިޔާރު އައްޔަން ކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރާ މީހަކު ކަނޑައަޅާނީ ޖޭއެސްސީގެ މަޝްވަރާގެ މަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވުމަށް ހުޅުވާލީ އެ މަގާމުގައި ހުންނެވި އަހްމަދު މުއުތަސިމް އަދުނާނު ޝަރަފުވެރިކަމާއެކު އެ މަގާމުން މިއަދު ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެ.