ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން، އެ ކުންފުނީގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނަށް އާ ޓާމިނަލް ދައްކާލައި، ޓާމިނަލާ ގުޅޭ މައުލޫމާތު ދިނުމަށް ހާއްސަ ސެޝަންއެއް ކުރިއަށް ގެންގޮސްފި އެވެ.
މި ސެޝަންގައި އެމްއޭސީއެލްގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ 16 މުވައްޒަފަކު ބައިވެރިވި އެވެ. އެ މުވައްޒަފުންނަށް އާ ޓާމިނަލަށް މަރުހަބާ ވިދާޅުވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އެވެ.
މި ސެޝަންގައި އެ މުވައްޒަފުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދީފައިވެ އެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިރެކްޓަރު އޮފް ފައިނޭންސް އަދި އިންޓަޕްރެޓާ ސައީދު އަތުހަރު ބައިވެރިވެވަޑައިގެންނެވި އެވެ.
މި ސެޝަންގައި ބައިވެރިވި އެމްއޭސީއެލްގެ ހައުސްކީޕަރު ސުޒްނާ މުހައްމަދު ސައީދު ބުނީ ކުޑަ ޓާމިނަލަކުން ބޮޑު ޓާމިނަލަކަށް ބަދަލުވާތީ ވަރަށް އުފާވާ ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށެވެ. އަދި އާ ޓާމިނަލް ވަރަށް ރީތި ކަމަށާއި އެކި ގައުމުތަކުން އާ ޓާމިނަލަށް އަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ބުންޏެވެ.
ޑޮލީ ސާވިސަސް އެންޑް މެއިންޓަނެންސްގެ ޓެކްނިކަލް ސަޕޯޓް އަހުމަދު އަޝްފާގު ބުނީ, އާ ޓާމިނަލަށް ފުރަތަމަ ފަރަށް ވަނުމުން ވަރަށް ގިނަ ކަންކަން އެނގިގެން ސާފުވެގެން ހިނގައްޖެ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވާނެ މީހުން ތިބޭނަމަ އިތުރަށް ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމްއޭސީއެލް އިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. އެގޮތުން އެފަދަ މީހުންނަށް ހާއްސަކޮށްގެން އެމްއޭސީއެލް އިން ތަފާތު އިންޓާންޝިޕް ޕްރޮގްރާމްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.