ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއްގެ އަމަލީ މަސައްކަތް މިއަހަރާއި އަންނަ އަހަރު ފަށައި، ދައުރު ނިމުމުގެ ކުރިން ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ހަވީރު ކެނދިކުޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ކުރިއަށް އޮތް ދެ އަހަރުތެރޭ ހުރިހާ ވައުދެއް ފުއްދަން ކަމަށާއި އެމަނިކުފާނުގެ އަޒުމަކީ ވެސް އެއީ ކަމަށެވެ.
އެގޮތުން މިއަހަރުތެރޭ ވަރަށް ގިނަ ރަށްތަކެއްގައި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށާއި އަދި އަންނަ އަހަރު ބާކީ ހުރި ހުރިހާ ވައުދެއްގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދެ އަހަރަށް އަޅުގަނޑު ޕްލޭންކޮށްފައި މިއޮތީ. އަމަލީ ގޮތުން އަޅުގަނޑު ވައުދުވެފައި ހުރި ހުރިހާ މަސައްކަތްތަކެއް ހުރިހާ ރަށެއްގައި ފެށުން، އެގޮތަށް ދެ އަހަރުގެ ބަޖެޓް އަޅުގަނޑުމެން ޕްލޭން މިކުރަނީ. އެ މަސައްކަތްތައް ފެށި ދެން އޮންނާނީ 2027 އަދި 2028 އާއެކު ނިންމާލުމުގެ މަސައްކަތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ފުއްދުމުގެ ކަންކަން ތަރުތީބު ކުރަނީ އިގްތިސާދީ ގޮތުން ދިމާވެފައި ހުރި ދަތިތަކުން އަރައިގަތުމާއި ދަރަނި ދެއްކުމަށް ދަތިނުވާ ގޮތަށް ޕްލޭންކޮށްގެން ކަމަށެވެ. އަދި އޭގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިގެންދާނެ ކަމަށާއި އެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.