ދެހާސް އަށްވަނަ އަހަރަށް ފަހު މި ސަރުކާރުގެ ބަންޑާރަނައިބު އަހުމަދު އުޝާމް ނޫނީ ފަނޑިޔާރުންނަށް މި ވަރަށް ނުފޫޒު ފޯރުވި ބަންޑާރަނައިބެއް ދެކެވަޑައިނުގަންނަވާ ކަމަށް، ސުޕްރީމް ކޯޓު ފަނޑިޔާރުކަމުން ވަކިކުރި މަހާޒު އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމުން މުއުތަސިމް އަދުނާން ރިޓަޔާ ކުރެއްވުމުން މަރުހަބާ ވިދާޅުވެ އުޝާމް ކުރެއްވި ޕޯސްޓަކާއި ގުޅިގެން މަހާޒު ވަނީ ވަކީލެއް މެދުވެރިކޮށް އުޝާމް ގުޅުއްވި ގުޅުއްވުމެއްގެ ޗެޓްލޮގެއް އެކްސްގައި ހިއްސާކުރައްވާފަ އެވެ.
"މި އަށް މިނެޓްގެ ފޯނު ކޯލަކީ 10 ފެބްރުއަރީ 2025 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ދައުލަތުގެ އިދާރާއަކުން ބަލަން ނޫޅޭ ކަމަށާއި 25 އޮކްޓޯބަރ 2022 ގައި ހިނގާ އޮތް ހާދިސާއެއްގެ މައްސަލަ ވެސް ޖޭއެސްސީން ނުބަލާނެ ކަމުގައި ވަކީލެއް މެދުވެރިކޮށް އޭޖީ ގުޅުވި ގުޅުވުމެއް،" މަހާޒު ވިދާޅުވި އެވެ.
މެދުވެރިކޮށް އޖ ގުޅުވި ގުޅުވުމެއް. އޭޖީގެ މެސެޖް ސާފުވި ކަމަށާއި، 2022 ގެ ވާހަކަ މިހާރު ދައްކާނީ ކީއްވެގެންކަން އެނގޭ ކަމުގަ އެ ވަކީލު ގާތުގަ ބުނިން. 2008 ގެ ފަހުން ފަނޑިޔާރުންނަށް މި ވަރަށް ނުފޫޒު ފޯރުވި އޖއެއް ނުދެކެން.
— Mahaz Ali (@mahazalii) July 21, 2025
އެ ވަކީލު އަރިހުގައި އޭޖީގެ މެސެޖު ސާފުވި ކަމަށާއި، 2022 ގެ ވާހަކަ މިހާރު ދައްކާނީ ކީއްވެގެންކަން އެނގޭ ކަމަށް މަހާޒް ވިދާޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި 2008ގެ ފަހުން ފަނޑިޔާރުންނަށް އެވަރަށް ނުފޫޒު ފޯރުވި ބަންޑާރަނައިބެއް ފެނިވަޑައިނުގަންނަވާ ކަމަށް މަހާޒް އެ ޕޯސްޓުގައި ލިޔުއްވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ޖުޑިޝަރީ ކޮމިޓީން ނިންމީ އެ ބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ ކަމަށްވާއިރު އެކަމާ ގުޅިގެން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ކޮމިޓީގެ ނިންމުމާ އެއްގޮތަށް، މަޖިލީހުން ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރީ މިދިޔަ މަހުގެ 14ގަ އެވެ.