ބަންގްލަދޭޝްގެ އަސްކަރީ ޖެޓެއް ސްކޫލެއްގެ މައްޗަށް ވެއްޓި 19 މީހަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ޓްރެއިނިން ޖެޓް ވެއްޓުނީ ވެރިރަށް، ޑާކާގެ މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖްގެ ކެމްޕަސް އިމާރާތުގެ މައްޗަށް ކަމަށެވެ. އެތަނުގެ މައްޗަށް ޖެޓް، ރޯވެ، އިމާރާތަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. މި ހާދިސާގައި ޒަހަމްވި މީހުންގެ އަދަދު 164 އަށް އަރަ އެވެ. އަދި އިމާރާތުން އިތުރު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގެ އަސްކަރިއްޔާ އިން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ ޓްރެއިނިން އެކްސައިޒަކަށް އުދުހެނިކޮށް ވެއްޓުނީ އެފް-7 މަރުކާގެ ޖެޓެއް ކަމަށާއި އެ ވެއްޓުނީ ދިމާވި މެކޭނިކަލް މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.
މި ހާދިސާގައި ޒަހަމްވި މީހުންގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުންނަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް ބާން އެންޑް ޕްލާސްޓިކް ސާޖަރީގައި ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ހިމެނެ އެވެ. ޒަހަމްވި ކުދިންގެ ތެރޭގައި ހިމެނެނީ 4-18 އަހަރާ ދެމެދުގެ ކުދިންނެވެ.