Last Updated: July 14, 06:01
Tuesday, July 14, 2026
ޚަބަރު

ބޭހަށް ދާ މީހުންނަށް ދޭ ޑޮލަރު ލިމިޓު އިތުރުކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

އެންސްޕާގެ އަދި އަމިއްލަ ހަރަދުގައި ބޭހަށް ދާ މީހުންނަށް ޑޮލަރު ދޭ ޑޮލަރު ލިމިޓް އިތުރުކޮށްދޭން ކަމާބެހޭ ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ މީހުންނަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، މިހާރު ވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން، އަންނަ މަހުގެ އެކަކުން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށް ވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް އަންގާފައިވާ ކަމަށެވެ.

އަދި އަމިއްލަ ޚަަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް ވެސް މި ތާރީޚުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ މިފަދަ އެންގުމެއް ކަމާބެހޭ ފަރާތްތަކަށް އެންގެވިއިރު، އާންމު ރައްޔިތުންނަށް ޑޮލަރު ހޯދުމުގައި ބޮޑު ތަކުލީފުތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން ޑޮލަރުގެ އަގު ވަނީ 20 ރުފިޔާ އަށް ވުރެ މައްޗަށް އަރައިފަ އެވެ.