Last Updated: July 11, 02:43
Friday, July 10, 2026
ޚަބަރު

އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުކުރަން ހެޔޮ ނިޔަތެއް ނެތް

އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު / ފޮޓޯ: އައްޑޫސިޓީ ކައުންސިލް

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ސަރުކާރުގައި ހެޔޮ ނިޔަތެއް ނެތް ކަމަށް، އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި އަނެއްކާވެސް އިންޖީނަކަށް މައްސަލައެއް ދިމާވެގެން ބައެއް ސަރަހައްދުތަކުން ވަކި ވަގުތަކަށް ކަރަންޓު ކަނޑަން ވަނީ ފަށައިފަ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ އައްޑޫ ރައްޔިތުން ކަރައްޓް ނެތި އަނެއްކާވެސް މިދަނީ މުސީބާތުގެ ހާލަތު ތަހައްމަލް ކުރަމުން ކަމަށާއި ގަޑިއަކުން ގަޑިއަކުން އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑަމުންދާ ކަމަށެވެ.

"ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ މުދަލަށް ބޮޑެތި ގެއްލުން ދަނީ ލިބެމުން. އާންމު ޚިދުމަތްތަކަށް ދަނީ ހުރަސް އެޅެމުން. އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ރަސްމީ ގަޑީގައި ދެފަހަރަށް މިއަދުވެސް ވަނީ ކަރަންޓް ކަނޑާލާފައި،" ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެއިން 5 ގަޑި އިރަށް ކަރަންޓް ކެނޑުމަކީ ކާރިސާގެ ހާލަތުކަމަށް ނިންމަވައި އެކަން އަވަހަށް ހައްލު ހޯއްދަވައި ދެއްވުމުގެ ޔަގީންކަން ދެއްވި ކަމަށެވެ. ނަމަވެސް އައްޑޫ ރައްޔިތުން ދެވަނަ ދަރަޖައިގައި ބެލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ އިންސާފުވެރި ގޮތެއް ވެސް ނޫން ކަމަށް ނިޒާރު ވިދާޅުވި އެވެ.

އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ނުކުރެވި ދެ އަހަރުވާން ކައިރިވެފައިވާއިރު، މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ހެޔޮނިޔަތެއް އޮތްކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އެވެ.