Last Updated: July 14, 06:01
Tuesday, July 14, 2026
ޚަބަރު

ވައުދުތައް ފުއްދާނީ ފައިސާ ޗާޕުނުކޮށް: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދާނީ ފައިސާ ޗާޕުނުކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިރޭ މަނަދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވައުދުތައް ފުއްދުމުގެ ކަންކަން ކުރިއަށް ގެންދަނީ ޕްލޭންކޮށްފައި އޮތް ގޮތަށް ކަމަށާއި އެގޮތުން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ އަމަލީ މަސައްކަތް މިއަހަރާއި އަންނަ އަހަރު ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

"ދެ އަހަރުތެރޭގައި އަޅުގަނޑު ރައްޔިތުންނަށްވީ ހުރިހާ ވައުދެއް ފަށާނަން. މިއަހަރަށް އެއްބައި، މި އަންނަ އަހަރަށް އަނެއްބައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ހުރިހާ ކަމެއް ވެސް ކުރަނީ ފައިސާ ޗާޕުނުކޮށް އަދި ބޭރަށް ދައްކަންޖެހޭ ދަރަނިތައް ވެސް ދައްކަމުން ކަމަށެވެ. ނަމަވެސް އަމިއްލަ ކުންފުނިތަކުން ކޮށްފައި ހުރި މަސައްކަތްތަކަށް ފައިސާ ދިނުން އެބައޮތް ކަމަށާއި އެގޮތުން އެކި މަސްތަކުގައި އެކި މިންވަރަށް ފައިސާ ދޫކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ހުރިހާ ކަމެއް އެއްކޮށް މެނޭޖު ކުރެވިގެން ދުވަސްކޮޅެއްގެ ތެރޭގައި މިހާރަށް ވުރެ ރަނގަޅަށް ފައިސާ ދޫކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ މަނަދޫގެ ތަރައްގީއަށް މީގެކުރިން ފަށައި، ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށައި ނިންމައިދީ އަދި އެމަނިކުފާނު އެ ރަށަށް ވެވަޑައިގެންނެވި ވައުދުތައް ވެސް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.