Last Updated: July 14, 06:01
Tuesday, July 14, 2026
ޚަބަރު

ވީއައިޕީ ސެކިއުރިޓީ ޓްރެއިނިން 10 ފުލުހަކު ފުރިހަމަކޮށްފި

އިންޑިއާގެ ނޮއިޑާ ވީއައިޕީ ސެކިއުރިޓީ ޓްރެއިނިން ސެންޓަރުގައި ކުރިއަށްގެންދިޔަ "ވީ.އައި.ޕީ ސެކިއުރިޓީ ޓްރެއިނިން" ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ 10 ބޮޑީގާޑުން ބައިވެރިވެ ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފި އެވެ.

މި މަހުގެ 8 އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނަކީ އިންޑިއާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްގެ ފަރާތުން ކުރިއަށް ގެންދިޔަ ތަމްރީނެކެވެ.

ފުލުހުން ބުނީ މި ތަމްރީނުގައި ޕްރޮޓެކްޓިވް ސެކިއުރިޓީ ޓެކްޓިކްސް، ވެޕަންސް ޓްރެއިނިން، ޓެކްޓިކަލް ޓްރެއިނިން އަދި ފިޒިކަލް ޓްރެއިނިންގެ އިތުރުން ވީއައިޕީ ސެކިއުރިޓީއާ ގުޅުންހުރި ގިނަ ހުނަރުތައް ދަސްކޮށްދީފައިވާ ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޑިރެކްޓާ ޖެނަރަލް އޮފް ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް، ގިޔަނެންޑްރަ ޕްރަޓަޕް ސިންޙެ ދެއްކެވި ވާހަކަފުޅުގައި، މި ތަމްރީނު ފުރިހަމަކޮށްފައިވާ 10 ފުލުހުންގެ ވެސް ޑިސިޕްލިން ވަރަށް ރަނގަޅުކަމަށް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ފުރުސަތުތައް ދިވެހި ފުލުހުންނަށް ދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

މީގެ އިތުރުން ތަމްރީނުން ދަސްވި ހުނަރުތަކުގެ ބޭނުން އަމަލީ މައިދާނުގައި ހިފުމަށް ބައިވެރިންނަށް ނަސޭހަތްތެރިވި އެވެ.

މި ތަމްރީނުގެ ބައިވެރިންގެ ފަރާތުން، ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްއަށް ހަނދާނީ ފިލައެއް އަރުވާފައިވެ އެވެ. އަދި ސެންޓްރަލް ރިޒާވް ޕޮލިސް ފޯސްގެ ފަރާތުން ވެސް ދިވެހި ފުލުހުންނަށް ހަނދާނީ ފިލައެއް އަރުވާފައިވެ އެވެ.