ރާއްޖޭގެ ކަންކަމުގެ ޝަރަފު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދިނުމަކީ މުސީބާތެއް ކަމަށް، ޖަމިއްޔަތުއް ސަލަފުގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސަލަފުގެ ރައީސް މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަ ކުރަން ހޮނިހިރު ދުވަހު ބާއްވާ ރަސްމީ ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުﷲ ވިދާޅުވީ މޯދީ އަކީ އިސްލާމުންގެ ބޮޑު ޢަދާވާތްތެރިއެއް ކަމަށާއި އެއީ ބާބަރީ މިސްކިތް ތަޅައި، އެތަނުގައި ފައްޅި އަޅައި މުސްލިމުންގެ ދުވަސްވީ ބިންތައް ފޭރެމުންގެންދާ އަދި އެތައް މުސްލިމުންނެއް އަންދާލައި، އަޙްމަދުއާބާދު ޤަބުރުސްތާނަށް ހެދި ޓެރަރިސްޓެއް ކަމަށެވެ.
"މި ރާއްޖޭގެ ކަންކަމުގެ ޝަރަފް އޭނާއަށް ދިނުމަކީ ބޮޑު މުޞީބާތެއް،" އަބްދުﷲ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒުއާއި، މޯދީ އާއި ދެ ބޭފުޅުން ބައްދަލުކުރައްވައި މަތީފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ޤައުމުގެ މުހިންމު މައްސަލަތަކާއި ސަރަޙައްދީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އިންޑިއާ އާއި ރާއްޖެއާއި ގުޅިގެން ކުރިއަށްގެންދިޔަ ބައެއް މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.