Last Updated: July 14, 06:01
Tuesday, July 14, 2026
ޚަބަރު

މަނަދޫގެ ނަރުދަމާގެ މައްސަލަ ޙައްލުކުރަން ބިޔަ މަޝްރޫއެއް

މަނަދޫ އަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލަ ޙައްލު ކުރުމުގެ ބިޔަ މަޝްރޫޢު އަންނަ މަހު ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ރޭ މަނަދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޙައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ މަނަދޫގެ ނަރުދަމާގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެވެން އޮތީ، މުޅި ނިޒާމު އެއްކޮށް ބަދަލުކޮށްގެން ކަމަށާއި މި ބިޔަ، ޚަރަދު ބޮޑު މަސައްކަތް ކުރިއަށްގެންދާނީ މަގު ހެދުމުގެ މަޝްރޫޢާ ވެސް އެކުއެކީގައި ކަމަށެވެ. އެގޮތުން، 2027 ވަނަ އަހަރަށް، ދެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސް ލަފާކުރެއްވި އެވެ.

މަނަދޫގެ ތަރައްޤީއަށްޓަކައި ކުރަމުންދާ ގެންދާ އިތުރު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، އެ ރަށުގެ ސިއްޙީ ނިޒާމު ތަރައްޤީކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރިއަށްދާކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. އެ ގޮތުން އެ ރަށުގައި ޢިމާރާތްކުރާ ހޮސްޕިޓަލުގެ މަސައްކަތް މިހާރު ފެށިފައިވާކަމާއި، ރަށަށް ބޭނުންވާ މިންވަރަށް، އެކި ބަލިބަލީގެ ޚާއްޞަ ޕްރޮފެޝަނަލުން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ.

އަދި ޢުމްރާނީ މަޝްރޫޢުތަކާ ޚިލާފަށް، ސިއްޙީ ދާއިރާއަކީ ފަރުދީ މަސްލަޙަތު ހިމެނޭ ދާއިރާއެއްކަމުން، ވަށާޖެހޭ ގޮތެއްގައި ސިއްހީ ޚިދުމަތްތައް ޤާއިމުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަންދެއްވާ ކަމެއްކަން ރައީސް ތަކުރާރު ކުރެއްވި އެވެ.

މީގެ އިތުރުން، މަނަދޫގައި ބިނާކުރަން ނިންމާފައިވާ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ލަސްވާން މެދުވެރިވި މައްސަލަ ޙައްލުކުރެވި، އެކަން ކުރިއަށްދާނޭ ކަމުގެ ފެހި ސިގުނަލް ވެސް ރައީސް ދެއްވި އެވެ. އަދި ވަކި މަޝްރޫޢެއްގެ ގޮތުގައި، އެ ރަށުގައި ވޮލީ ކޯޓެއް އިމާރާތްކުރުމުގެ މަސައްކަތް މި އަހަރު ކުރިއަށްދާނޭ ކަމަށް ވިދާޅުވި އެވެ.

ދަތުރުފަތުރާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، މަނަދޫ އާއި އުނގޫފާރާ ދެމެދު، ދެމެހެއްޓެނިވި ގޮތެއްގައި ސީދާ ދަތުރުކުރެވޭނޭ ގޮތަށް، މި އަހަރުގެ ނޮވެންބަރު މަހު އާރްޓީއެލް ފެރީގެ ޚިދުމަތްތައް ފައްޓާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.