ނ. މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިފި އެވެ.
އެތަނުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ހެނދުނު މަނަދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އާ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމާއި އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ އެވެ.
މަނަދޫގައި ހަދާ އާ ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލެކެވެ. މި މަޝްރޫޢު އަކީ ސަރުކާރުން 187 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ މަސައްކަތް ފަށާތާ 780 ދުވަސްތެރޭ ނިންމާ ގޮތަށެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި ނ. އަތޮޅުގެ އާ ހޮސްޕިޓަލާ އެކު އާ ހިދުމަތްތަކެއް ވެސް ތައާރަފުވެގެން ދާނެ އެވެ. އޭގެ ތެރޭގައި ފިޒިއޮތެރަޕީ އާއި މެންޓަލް ހެލްތާއި ސްޕީޗްތެރަޕީ ފަދަ ހިދުމަތްތައް ހިމެނޭނެ އެވެ.