Last Updated: June 9, 20:11
Tuesday, June 9, 2026
މުނިފޫހިފިލުވުން

'ކަނބުލޮ' ގެ ކާސްޓުންގެ ފަސްޓްލުކް ދައްކާލައިފި

އަންނަ މަހުގެ ފަހުކޮޅު އޮލިމްޕަަހަށް ގެންނަން ނިންމާފައިވާ ޑައިރެކްޓަރު ހުސައިން މުނައްވަރުގެ (ކިޑް) ގެ އާ ފިލްމު "ކަނބުލޮ" ގެ މައިގަނޑު ކާސްޓުންގެ ފަސްޓްލުކް ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

ޕޯސްޓަރުތަކުގައި ވަނީ އެ މީހުންގެ ކެރެކްޓާތަކަށް ކިޔާ ނަން ވެސް ހިމަނައިފަ އެވެ.

އާއިލާގެ ތެރެއިން ޖިންސީ ގޯނާގެ ޝިކާރަކައަށްވާ އަންހެނެއްގެ ވާހަކަ ކިޔައިދޭނެ "ކަނބުލޮ" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މަރިިޔަމް އައްޒަ އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުހައްމަދާއި އަހުމަދު އީސަ (އާނަންދު) އާއި ޝީލާ ނަޖީބާއި އަހުމަދު ނިމާލުގެ އިތުރުން މަރިޔަމް ޝަކީލާ އެވެ.

މީގެ އިތުރުން ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން އަލަށް ތައާރަފުކުރާ ކުޑަ އަންހެން ކުއްޖަކު ވެސް ފެންނާނެ އެވެ.

"ކަނބުލޮ" އަކީ 2009 ގެ ދިގު ވާހަކަ މުބާރާތުން ޔަޝްފާ އަބްދުލްޢަނީ އެއް ވަނަ ހޯދި ވާހަކަ "ޔުކްތާ" އަށް ބިނާކޮށް، މަހުދީ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.

މި ފިލްމަކީ މިދިޔަ އަހަރުގެ ކަމަނާ ވެސް ގެނެސްދިން ޓީމްގެ ފިލްމެކެވެ. އެގޮތުން ފިލްމު ގެނެސް ދެނީ އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި ކިޑްގެ ކިޑް ޕްރޮޑަކްޝަން ގުޅިގެންނެވެ.

"ކަނބުލޮ" ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 31 ގަ އެވެ.