Last Updated: July 25, 05:49
Friday, July 25, 2025
މުނިފޫހިފިލުވުން

'ވޯ 2' ގެ ޓްރެއިލާ ހުކުރު ދުވަހު

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ބޮލީވުޑްގެ ފިލްމު "ވޯ 2" ގެ ޓްރެއިލާ އަންނަ ހުކުރު ދުވަހު އާންމު ކުރަން ނިންމައިފި އެވެ.

އެ ފިލްމު އުފައްދާފައިވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މިކަން މިއަދު ރަސްމީކޮށް އިއުލާންކޮށްފައިވާ އިރު، ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ މަހުގެ 14 ގަ އެވެ.

"ވޯ 2" އަކީ އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ފިލްމެކެވެ. އަދި މިއީ 2019 ގެ "ވޯ" ގެ ސީކްއެލް އެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރި އެ ފިލްމުގެ ތަރިންނަކީ ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ އިތުރުން ވާނީ ކަޕޫރެވެ. އަޔާން މުކަރްޖީ ޑައިރެކްޓްކުރި "ވޯ 2" ގެ ތަރިންނަކީ ރިތިކާއި ކިއާރާ އަދުވާނީގެ އިތުރުން މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ އެވެ.

މި ފިލްމަކީ "އާރްއާރްއާރް" ފަދަ ފިލްމުތައް ކުޅެފައިވާ އެންޓީއާރްގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ.

ބޮލީވުޑްގެ މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ވޯ 2" އަންނަ މަހު ސިނަމާތަކަށް ގެންނަން ތައްޔާރުވަމިުން އަންނަ އިރު، އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ވެސް ރަސްކަން ކުރަމުން އަންނަނީ ވައިއާރްއެފްގެ ފިލްމެކެވެ. އެއީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ޑައިރެކްޓަރު މޯހިތު ސޫރީގެ 'ސައްޔާރާ' އެވެ.

އެ ފިލްމަކީ އާ ބަޔަކު ތައާރަފު ފިލްމެކެވެ. އެއީ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ އެވެ.