ރާއްޖޭގެ ހުރިހާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގުގެ ފަރަގުތައް ނައްތާލައި އެއް އަގެއްގައި އެ ހިދުމަތް ދިނުމާ ގުޅޭ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެ ގަރާރު ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝަމްހީދެވެ.
ގަރާރުގައި ވިދާޅުވީ ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް ނުވަތަ މި ނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަނާއި އެމްޑަބްލިއުއެސްސީން ދޭ ހިދުމަތްތަކަށް ކަނޑައަޅާފައިވާ އަގުތަކުގައި މާލޭ ސަރަހައް ތަކަށް ވަކި އަގެއް އަދި އަތޮޅުތަކުގެ ރަށްތަކަށް ވަކި އަގުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންވެ އެ އަގުތަކުގެ ބޮޑެތި ފަރަގުތަކެއް ހުރިކަން ޝަމްހީދުގެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންވެ އޭގެ ސަބަބުން ރަށްރަށުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ފެނާއި ކަރަންޓު ފަދަ އަސާސީ ހިދުމަތްތައް ހޯދުމަށް ކުރަން ޖެހޭ ހޭދަ އިންތިހާއަށް ބޮޑުވަމުންދާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ގަރާރުގައި މައިގަނޑު ކަންކަން:
* އަތޮޅުތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކަރަންޓަށް ކުރަންޖެހޭ ހޭދަ 40-70 ޕަސެންޓާ ދެމެދު އަދަދަކުން އިތުުރު
* ފެނުގެ ހިދުމަތަށް ކުރަން ޖެހޭ ހޭދަ 35 ޕަސެންޓަށް އިތުރު
* ފަރަގު ހުރި ވިޔަފާރިތަކުގެ ތެރޭގައި ގެސްޓްހައުސްތައް ފަދަ ތަންތަން ހިމެނޭ
* އުފެއްދުންތެރިކަން އިތުރުކޮށް އާ ސިނާއަތްތަކަށް ރާއްޖެ ހުޅުވާލުމަށް އޮތް ބޮޑު ގޮންޖެހުމެއް
* ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އުފުލަން ޖެހިފައިވާ މާލީ ބުރަ ބޮޑުވެ، ވިޔަފާރިތައް ދަމަހައްޓަން ދަތިވުން