ގައުމީ އެއާލައިން މޯލްޑިވިއަނަށް ޕައިލެޓުން ހޯދަން އިއުލާނުކޮށްފި އެވެ.
އެ އެއާލައިން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭސް) އިން ހޯދަން އިއުލާންކުރީ އޭ330 ގެ ކެޕްޓަންގެ މަގާމަށް އޭޓީއާރްގެ ކެޑޭޓް ޕައިލެޓުންނެވެ. މަގާމުގެ ޝަރުތުތަކުގެ ތެރޭގައި އައިކާއޯ އޭޓީޕީއެލް ލައިސަންސް އޮތުމާއި އެ މަރުކާގެ ފްލައިޓް އުދުހުމުގައި މަދުވެގެން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.
މީގެ އިތުރުން އޭޓީއާރް ކެޑޭޓް ޕައިލެޓްގެ ބައެއް ޝަރުތުތަކުގެ ތެރޭގައި ކޮމާޝަަލް ޕައިލެޓް ލައިސަންސް މަލްޓި އިންޖީން އިންސްޓްރުމަންޓް ރޭޓިން އޮތުން ހިމެނެ އެވެ. މީގެ އިތުރުން (އޭޓީޕީއެލްއޭ) ތިއަރީން ފާސްވުމަކީ ވެސް ޝަރުތެކެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 28 އާ ހަމައަށެވެ.
މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، އަލަށް ވައިޑް ބޮޑީ ބޯޓެއް ގެނެސް ބޭރަށް ކުރާ ދަތުރުތައް އިތުރު ކުރަމުން އަންނަ އިރު، ވައިޑް ބޮޑީ އިތުރު ބޯޓެއް ވެސް މި އަހަރު ގެންނަން އަންނަނީ މަސައްކަތް ކުރަމުންނެވެ.