Last Updated: May 13, 06:27
Monday, May 13, 2024
ކުޅިވަރު

ބެޔާން އަތުން ބަލިވެ މުބާރާތާއި އަލްވަދާއު ކިޔުމުގެ ބިރު އާސެނަލް އަށް!

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފް ގައި ބެޔާން އަދި އާސެނަލް ބައްދަލު ކުރި މެޗު ފަސޭހަ ކަމާއިއެކު 1-5 ގެ ނަތީޖާ އަކުން ބެޔާން ކާމިޔާބުކޮށްފިއެވެ.

މެޗުގެ 10 ވަނަ މިނެޓުގައި ބެޔާން ގެ ފޯވާޑް ލެވެންޑޮސްކީ ވަނީ ގޯލު ޖަހާ ލީޑުނަގާފައެވެ. ފުރަތަމަ ހާފު ނިމުނީ ތޯމަސް މުލާ އަދި ޑެވިޑް އަލަބާ ގެ ގޯލުތަކަށް ފަހު 0-3 ގެ ނަތީޖާ އަކުންނެވެ. ދެވަނަ ހާފު ފެށިގެން މާ ގިނަ އިރުތަކެއް ނުވެ ބެޔާން ގެ 4 ވަނަ ގޯލު ކާމިޔާބު ކޮށްދިނީ މިމެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮބެން އެވެ. އާސެނަލް ގެ ހަމައެކަނި ގޯލު އެޓީމަށް ކާމިޔާބު ކޮށް ދިނީ 69 ވަނަ މިނެޓުގައި އޮލިވިއާ ގިރޫޑް އެވެ. ބެޔާން ގެ ފަހު ގޯލު މެޗު ނިމެން ކައިރި ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ތޯމަސް މުލާ އެވެ.

އަނިޔާ ގެ ސަބަބުން މި މެޗަށް އާސެނަލް ނިކުތީ ބައެއް މުހިންމު ކުޅުންތެރިން ނުލާ އެވެ. އެގޮތުން ވޮލްކޮޓް، ބެލެރިން، ކޮސިއެލްނީ އަދި ރަމްސީ ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް މިމެޗުގައި އާސެނަލް ޑިފެންސަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.
މިމެޗުން ބަލިވެ އާސެނަލް އަށް ވަނީ އިތުރަށް ކުރިއަށް ދިއުމުގައި އަމިއްލަ ބާރު ގެއްލިފައެވެ. 9 ޕޮއިންޓާ އެކު ގްރޫޕް ގެ އެއްވަނައިގައި އޮތީ ބެޔާން އެވެ. ދެވަނާގައި އޮލިމްޕިއާކޮސް އޮތީ 9 ޕޮއިންޓާއެކު ގޯލް ގެ ތަފާތުންނެވެ.
އާސެނަލް އެންމެ ފުލުގައި އޮތި 3 ޕޮއިންޓާ އެކުއެވެ.