އިމްޕޯޓް މުދާ އެތެރެކުރަން ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓްތަކަށް ދޫކުރާ ޑޮލަރު 10 ޕަސެންޓަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިތުރުކޮށްފި އެވެ.
މަރުކަޒީ ބޭންކުން މިއަދު ބުނީ ބޭންކުތައް މެދުވެރިކޮށް މި ހަފްތާއިން ފެށިގެން މިބަދަލާ އެއްގޮތަށް ޑޮލަރު ދޫކުރާނެ ކަމަށެވެ. އެގޮތުން ވިޔަފާރިތަކަށް މިހާރު ވިއްކާ ޑޮލަރުގެ އަދަދު 40 ޕަސެންޓަށް އިތުރުވާނެ ކަމަށް ބުންޏެވެ
އެމްއެމްއޭ އިން ވަނީ ބޭންކަށް ވިއްކަން ޖެހޭ ބޭރު ފައިސާ ވެސް 60 ޕަސެންޓުން 90 ޕަސެންޓަށް މިދިޔަ ޖޫން މަހުން ފެށިގެން ބޮޑުކޮށް ދީފަ އެވެ. އަދި ބޭންކުތަކުން އިތުރަށް މާރުކުރާ 30 ޕަސެންޓް އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފުތާއަކު އަންނަނީ ވިއްކަމުންނެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި މި ގެނައި މިބަދަލުތަކާ އެކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށް ވުރެ ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖެހިގެން ދާނެ އެވެ. އަދި ބޭންކުތަކަށް އަނބުރާ ދޫކުރާ 30 ޕަސެންޓު ބޭނުން ކުރަނީ އާންމުންގެ އެކިއެކި ޒަރޫރީ ބޭނުންތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންކަމަށް ހޭދަކުރަން ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.
ބޭންކްތަކުން ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިއްކާ ޑޮލަރުގެ ނިސްބަތް އުޅެނީ 30 ޕަސެންޓުގަ އެވެ. ނަމަވެސް މައަމާޒަކީ އެ އަދަދު 50 ޕަސެންޓަށް އިތުރު ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.