Last Updated: July 25, 05:49
Friday, July 25, 2025
މުނިފޫހިފިލުވުން

'ސައްޔާރާ' ގެ އާމްދަނީ 100 ކްރޯޑުން މައްޗަށް

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ސައްޔާރާ" އަށް ހަތަރު ދުވަހުން ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް އިންޑިއާގައި ލިބިއްޖެ އެވެ.

އިއްޔެއާ ހަމައަށް އިންޑިއާ އިން މި ފިލްމަށް ޖުމްލަ 108.75 ކްރޯޑް ރުޕީސް (12.6 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ. އަދި އިންޑިއާގެ އިތުރުން ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީ އެއްކޮށްލުމުން "ސައްޔާރާ" ގެ ޖުމްލަ އާމްދަނީ އިއްޔެއާ ހަމައަށް 119 ކްރޯޑް ރުޕީސް (13.8 މިލިއަން ޑޮލަރު) އަށް އަރަ އެވެ.

ބޮލީވުޑްގެ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ކްރިޓިކުން ވެސް ލަފާކޮށްފައިވާ ގޮތުގައި ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ "ސައްޔާރާ" މަދުވެގެން 500 ކްރޯޑް ރުޕީސް (59 މިލިއަން ޑޮލަރު) ހޯދުމުގެ ފުރުސަތު ވެސް ބޮޑެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް މޯހިތު ސޫރީ ޑައިރެކްޓްކުރި މި އަސަރު ގަދަ ލޯބީގެ މިއުޒިކަލް ހަދާފައި ވަނީ 4 ކްރޯޑް ރުޕީސް (4.6 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

"ސައްޔާރާ" އަށް ލިބެމިން އަންނަ ތަރުހޫބަށް ބަލާ އިރު، އެންމެ ފާހަގަކޮށްލެވޭ އާ ދެ ފަންނާނަކު ކުޅެފައިވާ ފިލްމަށް ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ތަރުހީބެއް ލިބެމުން ދިއުމެވެ. މި ފިލްމުގެ ލީޑް ރޯލު ކުޅެފައި ވަނީ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ އެވެ.

"ސައްޔާރާ" އަކީ ބޮލީވުޑަށް އާ ތަރިން ނެރެން ގެނެސްދިން ފިލްމުތަކަށް ބަލާ އިރު، ފުރަތަމަ ދުވަހު އެކަނި ވެސް ރެކޯޑް އާމްދަނީއެއް ހޯދި ފިލްމެކެވެ. އެގޮތުން ހުކުރު ދުވަހު އެކަނި އިންޑިއާ އާއި ބޭރުގެ މާކެޓްތަކުން ފިލްމަށް ޖުމްލަ 28.75 ކްރޯޑް ރުޕީސް (3.3 މިލިއަން ޑޮލަރު) ލިބުނެވެ.

"ސައްޔާރާ" ގެ ޖާދޫގައި މުޅި އިންޑިއާ ޖެހިފައިވާ އިރު، މި ފިލްމަށް މުޅިން ވެސް އޮހެމުން އަންނަނީ ތައުރީފެވެ.