ރާއްޖެ އާއި އިންޑިއާ ފްރީ ޓްރޭޑް އެގްރީމެންޓު (އެފްޓީއޭ) އެއް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް މަޝްްވަރާތައް ކުރަމުން އަންނަ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓްރީ ވިކްރަމް މިސްރީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތު ފާހަގަ ކުރަން ހޮނިހިރު ދުވަހު ބާއްވާ ރަސްމީ ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ މިއަދު ނޫސްވެރިންނާ ވާހަކަދައްކަމުން ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ އިތުރުން އިންވެސްޓްމަންޓް ޓްރީޓީއެއް ހަދަން ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އަދި އިޔާދަކުރަނިވި ހަކަތަ ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރަން ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާއާ އެކު ވަރަށް އަވަހަށް ފްރީ ޓްރޭޓް އެގްރީމަންޓަކަށް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މިއަހަރުގެ ކުރީކޮޅު ވިދާޅުވެފަ އެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ އެފްޓީއޭ ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލީ ޗައިނާއާ އެކީގަ އެވެ. އެއަށް މިދިޔަ މަހުގެ 1 އިން ފެށިގެން އަންނަނި އަމަލު ވެސް ކުރަމުންނެވެ.
ސަރުކާރުން ވަނީ ތުރުކީއާ އެކު ވެސް އެފްޓީއެއްގައި ސޮއި ކުރަން ނިންމައިފަ އެވެ.