Last Updated: July 25, 05:49
Friday, July 25, 2025
ޚަބަރު

ކައުންސިލްތަކުން އެއްބާރުލުން ނުދިނަސް ކަންބޮޑުވުމެއް ނެތް

ކައުންސިލްތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސަރުކާރަށް އެއްވެސް ކަމެއްގައި އެއްބާރުލުން ނުދިނުމަކީ ކަންބޮޑުވާ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ހަވީރު ކުޑަފަރީ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ސިޔާސީ ގޮތުން ހުންނަ ހިޔާލުތަފާތުވުމަކީ ރައްޔިތުންނަށް ސަރުކާރުން ހިދުމަތް ދިނުމުގައި ހިޔާލުތަފާތުވެގެން ހުރަހަކަށް ވާނެ ފަދަ ކަމަކަށް ވިޔަނުދީ، ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށެވެ.

"އެއްވެސް ރަށެއްގައި އޮންނަ ކައުންސިލެއް ނޫނީ އެހެން ބަޔަކު ވިޔަސް، ހިޔާލުތަފާތުވެގެން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސަރުކާރަށް އެއްވެސް ކަމެއްގައި އެއްބާރުލުން ނުދިނުމަކީ ނޫނީ ލަސްތައް ކުރިމަތި ކުރުމަކީ އަޅުގަނޑުމެން އެކަމަކާ މާބޮޑަށް ކަންބޮޑުވާ ކަމަކަށް ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރަށް މުހިއްމީ ރައްޔިތުން ކައިރިއަށް އައިސް، ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައިގެން ރައްޔިތުންނަށް ކަންކަން ކޮށްދިނުން ކަމަށެވެ. ރައްޔިތުންގެ ގާތަށް އަންނަނީ ވެސް އެހެންވެ ކަމަށާއި ބޭނުންވަނީ ސީދާ ރައްޔިތުން ބޭނުންވާ ގޮތް އަޑުއަހަން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް މުހިއްމީ ސީދާ ރައްޔިތުންނާ ބައްދަލުވުން. މެދުވެރިން ގޮތުގައި ބައެއް ފަހަރު އެބަތިބޭ ރައްޔިތުން އިންތިހާބުކޮށްފައި އެކި ސަބަބުތަކާއި ހެދި ސަރުކާރާއި ހިޔާލުތަފާތުވާ މީހުން. އެބައެއްގެ ހިޔާލުތަފާތުވުން އެ ބަޔަކަށް ދޫކޮށްލާފައި އަޅުގަނޑު ދާނީ ރައްޔިތުންނާ އެކީގައި ކުރިއަށް. އެއީ އަޅުގަނޑުގެ ސިޔާސަތަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ކުޑަފަރީގެ ތަރައްގީ އަށް ކުރަން ހުރި ކަންކަން ވެސް ކުރިއަށްގެންދާނީ މިގޮތަށް ކަމަށާއި ރައްޔިތުންގެ އެއްބާރުލުން މިކަންކަމުގައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.