Last Updated: July 25, 05:49
Friday, July 25, 2025
ދުނިޔެ

އިންޑިއާގެ ނައިބު ރައީސް އިސްތިއުފާ ދީފި

އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކަރް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސިއްހީ ސަބަބުތަކާ ގުޅިގެން ކަމަށް ވިދާޅުވެ އޭނަ އިސްތިއުފާ ދެއްވިކަން އިއުލާންކުރެއްވީ ރޭގަ އެވެެ. އިސްތިއުފާގެ ސިޓީ ވަނީ ރައީސް ދުރޯޕަޅީ މުރްމޫ އަށް ވެސް ހުށަހަޅައިފަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ނައިބު ރައީސް އިސްތިއުފާ ދެއްވީ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީއާ މެދު އޮތް ނުތަނަސްކަމެއްގެ ސަބަބުންނެވެ. ނަމަވެސް ޖަގްދީޕްގެ އިސްތިއުފާއާ ގުޅިގެން އެ ޕާޓީން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

އުމުރުން މިހާރު 74 އަހަރުގެ ޖަގްދީޕް ނައިބު ރައީސްކަމަށް އައްޔަންކުރީ އޮގަސްޓް 2022 ގަ އެވެ. އޭނަގެ ދައުރު ހަމަވާނީ 2027 ގަ އެވެ. އޭނަ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއަ ސަބާގެ ޗެއާމަން ވެސް މެ އެވެ.

އިންޑިއާގެ ރައީސާއި ނައިބު ރައީސްގެ މަގާމަކީ ރަމްޒީ މަގާމުތަކެކެވެ.